ޚަބަރު

ސްޕޯޓްސް ކައުންސިލަރުންގެ އަމަލީ މަސައްކަތް ފަށައިފި


ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ 100 ދުވަހުގެ ވައުދުގައި ހިމެނޭ ރާއްޖޭގެ ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމުގެ ވައުދުގެ ދަށުން ރާއްޖޭގެ ރަށްތަކުގައި ހަމަޖެއްސި ސްޕޯޓްސް ކައުންސިލަރުންގެ އަމަލީ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ. ރައީސް ޞާލިހުގެ 100 ދުވަހުގެ ވައުދުގައި ހިމެނޭ ރާއްޖޭގެ ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމުގެ ވައުދުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި ހަމަޖެއްސި ސްޕޯޓްސް ކައުންސިލަރުން ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމާ ގުޅިގެން މިނިސްޓަރ މިހެން ވިދާޅުވީ ސޯޝަލް މީޑިޔާގައި. މިނިސްޓަރ ވަނީ ވީހާވެސް ގިނަ ރައްޔިތުން ސްޕޯޓްސް ކައުންސިލަރުން ހިންގާ ޕްރޮގްރާމް ތަކުގައި ބައިވެރިވުމަށް އެދިލައްވާފަ. އަދި ސްޕޯޓްސް ކައުންސިލަރުންގެ މަސައްކަތް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ. ސްޕޯޓްސް ކައުންސިލަރުން ހަމަޖެއްސުމުގެ ކުރިން ކުޅިވަރާބެހޭ ވުޒާރާއިން ވަނީ ފެބްރުއަރީ މަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާ ގުޅިގެން ސްޕޯޓްސް ކައުންސިލަރުންނަށް ސެޓްފިކެޓް ލެވެލް އެކެއްގެ ފިޓްނެސް އިންސްޓްރަކްޓަރ ކޯހެއް ހިންގާފަ. ކޮންމެ ރަށަކުން ކައުންސިލަރަކު ހޮވައި 21 ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ރަށްރަށުގައި ކަސްރަތު ޕްރޮގްރާމްތައް ބާއްވާ ހިންގުމާއި އެހެނިހެންވެސް އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ހުނަރު ދަސްކޮށްދީފައިވޭ.