ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތަޢާވަލުކޮށްފިއެވެ. މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު އެކެއް ޖަހާއިރަށެވެ. މި މައްސަލާގައި މީގެ ކުރިންވެސް އަޑުއެހުމެއް ބާއްވާފައިވެއެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން، ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު ކުރި އަމުރު ބާތިލްކޮށް، ޔާމީން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ހައިކޯޓްގެ އެ ހުކުމްގައި ވަނީ ޔާމީނާއި ދެކޮޅަށް ކްރމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގގެ މައްސަލައިގެ ހެކިންނަށް ޔާމީން ނުފޫޒު ފޯރުވާފައިވާކަމަށް ދައުލަތުން ބުނާއިރު އެފަދަ އެއްވެސް ހެއްކެއް ޔާމީނާއި ދެކޮޅަށް ލިބިފައިނުވާކަމަށް ދައުލަތުގެ ފަރާތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމަށެވެ. ޢަދި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާފައިވާކަން ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ލިޔެކިއުންތަކުން އެނގެން ނެތުމުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކުރާކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.
ހައިކޯޓުން އެ މައްސަލައިގެ ހުކުމް އިއްވާފައި މިވަނީ އެ މައްސަލަ ބަލަމުން ދިޔަ ބެންޗް ބަދަލުކުރުމަށްފަހުއެވެ. ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ ނަގާ އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުރާފުވެޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދައުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރެއެވެ. އަދި އެމައްސަލާގައިވެސް ދަޢުވާ ކުރުމަށް އެދި ފުލުހުންވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ
ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން ވަނީ މަނީ ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ކެމްޕައިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.