ޚަބަރު

ގޯލް ކީޕަރސް ޓްރެއިނިންގް އެކަޑަމީގެ ކޯޗްއަކަށް އަސްލަމް


އެފްއޭއެމްގެ ޓުވާޑްސް ފިއުޗަރ ޕްރޮޖެކްޓްގެ ދަށުން ގޯލް ކީޕަރސް ޓްރެއިނިންގް އެކަޑެމީއެއް އުފައްދާ ގައުމީ ޓީމްގެ ގޯލްކީޕަރ ޓްރެއިނަރ އަސްލަމް ކޯޗަކަށް ހަމަޖައްސައިފިއެވެ. އަސްލަމް ގެ ކޯޗްކަމުގެ ދަށުން ގޯލްކީޕަރސް ޓްރެއިނަރސް އެކަޑެމީގައި ތަމްރީނުވުމުގެ ފުރުސަތު ހަތް އަހަރުން މަތީގެ ކުޅުންތެރިންތެރިންނަށް މިއަދު ވަނީ ހުޅުވާލާފައެވެ. މިކަން އިއުލާނުކުރުމަށް މޯލްޑިވްސް ފުޓުބޯޅަ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން ކްލަބްތަކަށް ބިދޭސީ ކީޕަރުންނަށް ނުކުޅެވޭ ގޮތަށް ގަވާއިދު އެކުލަވާލާފައިވާއިރު ރާއްޖޭގައި ހުނަރުވެރި ކީޕަރުން އުފެއްދުމަށް މަސައްކަތް ކުރަން ޖެހޭކަމަށާއި މި އެކަޑެމީގެ މަގުސަދަކީ މުސްތަގުބަލުގައި ހުނަރުވެރި ދިވެހި ކީޕަރުންތަކެއް އުފެއްދުން ކަމަށެވެ. އަދި އޭގެ އިތުރުން ގޯލް ކީޕަރުންނަށް ވާން ބޭނުން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް ޕްލެޓްފޯމެއް ގާއިމްކޮށްދީ ފުރުސަތު ހޯދައިދިނުމަކީވެސް މި އެކަޑެމީގެ އަމާޒެއް ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ގޯލްކީޕަރ ޓްރެއިނިންގ އެކަޑެމީގެ ކޯޗްގެ މަގާމަށް އަސްލަމް ހަމަޖައްސާފައިވާއިރު އަސްލަމް ވަނީ ގައުމީ ޓީމްގެ އިތުރުން ކްލަބް އީގަލްސްގައި ވެސް ގޯލް ކީޕަރ ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަޑެމީއާ ހަވާލުވުމަށްފަހު އަސްލަމް ދެން ކްލަބެއްގައި މަސައްކަތެއް ނުކުރާނެ ކަމަށާއި، ދެން ފެނިގެންދާނީ ގައުމީ ޓީމާއި އެކަޑެމީގެ ގޯލްކީޕަރ ޓްރެއިނަރެއްގެ ގޮތުގައި އެކަނި ކަމަށް ވެސް އެފްއޭއެމުން މައުލޫމާތުދިނެވެ.