ސިޔާސީ

ފަނޑިޔާރުންނަށް އިނާޔަތްދޭ ބިލަށް ހޫނު ބަހުގެ ހަމަލާތަކެއް


އާ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން ޚާއްޞަ އިނާޔަތްތަކެއް ލިބޭ ގޮތަށް ހުށައެޅުއްވި އިޞްލާޙު މަޖިލީހަށް ބަލައިގެންފިއެވެ.

މަޖިލީހުގެ ތަޅުމުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރި މި އިޞްލާޙު މަޖިލީހަށް ބަލައިގަތީ 31 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓުދެއްވީ 15 މެންބަރުންނެވެ. މި އިޞްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށްވަނީ ވަގުތީ ކޮމިޓީއަކަށް ފޮނުވާފައެވެ.

2008 އަނަ އަހަރުގެ ކުރިން ފަނޑިޔާރުކަންް ކުރި މީހުންނަށް އެއްވެސް އިނާޔަތެއް ދިނުމަށް ޤާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހުން ފަނޑިޔާރުކަން ކުރެއްވުމަށްފަހު ޝަރަފްވެރިކަމާއެކު މަޤާމުން ވަކިވާ ކޮންމެ ފަނޑިޔާރަކަށް ދައުލަތުން ޚާއްޞަ އިނާޔަތްތަކެއް އަންނަނީ ދެމުންނެވެ. ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ވިދާޅުވީ ރާއްޖޭގެ ދުސްތޫރި ހަޔާތުގައި ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޝަރަފްވެރިކަމާ އެކު އުޅޭވޭނެ ގޮތް ހެއްދެވުމަށްކަމަށް. އެމީހުންގެ ހައްގު ގެއްލޭނަމަ މަޖިލީހުން އެ ހައްގު ހޯދައިދޭންޖެހޭކަމަށެވެ.

"
"މި ޤާނޫނުން އިތުރަށް މިކަން ފުރިހަމަ ވާންޖެހޭތީ ހުށައަޅާ އިޞްލާހެއްމީ"
ރިޔާޟް

ނަމަވެސް ފަނޑިޔާރުންގެ ޤާނޫނަށް ރިޔާޟް ރަޝީދު ހުށައެޅުއްވި އިޞްލާހަކީ ވަކިބަޔަކަށް އަމާޒުކޮށް ފަނޑިޔާރުން ރުއްސުމަށް އިދިކޮޅު ފަރާތްތަކުން ހުށައެޅި އިޞްލާހެއްކަމަށް ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވިދާޅުވިއެވެ. މި ބިލަށް ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ ދެ ކިއުން އެއްކޮށްލައިގެން އެ އިޞްލާހު އެޖެންޑާކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި އިޞްލާޙަށް ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ 70 އިންސައްތަ މެންބަރުންނަށް ނިމިދިޔަ އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ބުނީ ފާއިތުވި ފަސް އަހަރު އަމިއްލަ ފައިދާއާއި އަމިއްލަ މަންފާއަށް މަސައްކަތްކުރުމުންކަމަށެވެ. އަދި ނާޖާއިޒު ގޮތުގައި މަޖިލީހުގެ ގޮނޑި ބޭނުންކުރުމުންކަމަށެވެ.

"އާ މަޖިލިސް ހުވާކުރުމަށް އެއްމަސްދުވަހަށް ވެފައިވަނިކޮށް އަދި ދައުރުގައި ތިން ދުވަސް އޮތް އިރު އަވަސްކޮށްލައިގެން ނިންމަންޖެހޭ ކަމެއްތޯއޭ.. އެމްޑީޕީ މެޖޯރިޓީއާއެކު އައު މަޖިލީހަށް އައިސް އަމިއްލަ މަންފާއަށް ފާސްކޮށްފައިވާ ފާސްކުރުންތައް އަލުން އަނބުރާ ރަނގަޅު ނުކުރެވޭނެތޯއޭ. ކުރާނެ ނޫންތޯއޭ. މި ގޯހުން ގޯހަށް ދާ ކަންކަން ދެން މޭ މަހު އަޅުގަނޑުމެން އެމްޑީޕީއާއެކު ވަދެ ބަދަލުކުރާނެނޫންތޯ." އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކަތަކަށް ރައްދުދެއްވަމުން ދަނގެތި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު ވިދާޅުވީ، އީވާގެ ވާހަކަތަކަކީ އިންތިޚާބުން ނާކާމިޔާބުވި މެންބަރުންނަށް ބިރުދެއްކުމަށް ދެއްކެވި ވާހަކަފުޅުތަކެއްކަމަށެވެ. ކޯފާ އިސްކުރައްވާ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ވަކިބަޔަކު ބިލް މަޖިލީހަށް ވެއްދުމުން އެމްޑީޕީއަށް ރަނގަޅުވާކަމަށާ، އަނެއްބަޔަކު ބިލެއް ލުމުން ރަނގަޅު ނުވާކަމަށެވެ.

"ހަނދުމަފުޅު ނެތީތޯ އަންނަ މޭ މަހުގެ 27 ވަނަ ދުވަހުގެ ބާރަ ޖަހަންދެން މި މަޖިލިސް އޮންނާނޭ. ދެދުވަހެއް ނޫން އޮތީކީ ނިމޭކަށް. އަޅުގަނޑުމެން ޤާނޫނީ ވާޖިބު މި އަދާކުރަނީ. އެ ވާޖިބު އަދާކުރުމަށް އެ އޮންނަ މުއްދަތުގެ ތެރޭގައި އެކަމެއް ކުރާނެ. އެ ހަޤީގަތް ޤަބޫލުކުރައްވާ. ބިރުދައްކަން ތިމަންނަމެން އައިސް ޤާނޫނުތައް ބަދަލުކުރައްވާނަމޭ ބުނެފަ އައިސް ނަގާ. ބިރެއް ނުގަނޭ.ކާކުތޯ ބިރުން އުޅެނީ. ޤާނޫނުތައް އައިސް ބަދަލުކުރައްވާ." އިލްހާމް ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، 18 ވަނަ މަޖިލިސް ނިމުމަކާ ހަމައަށް ދާއިރު އެންމެ ބާރަށް އިވެނީ ހިމާޔަތާއި އިނާޔަތާއި އިމްތިޔާޒާއި ރައްކާތެރިކަމުގެ ވާހަކަކަމަށެވެ. ނަމަވެސް އެ ހުރިހާކަމެއްވެސް އެންމެ ފަހުވަގުތަށްވެސް ހޯދައިދޭން މަސައްކަތްކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށްކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާވެސް ވަނީ ދެކިއުން އެއްފަހަރާ އިއްވައިގެން ބިލް އެޖެންޑާކުރުމުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

"ވަކި މީހަކަށް ވަކި ފަރުދަކަށް އަމާޒުކުރެވިގެން އަޅުގަނޑުމެންނަކީ މަސައްކަތްކުރާބަޔަކަށް ވެގެންނުވާނެ. އެ މަޖިލީހަކީ އެގޮތަށް މަސައްކަތްކުރާ ބަޔަކަށް ވެގެންނުވާނެ. 18 ވަނަ މަޖިލިސް އެންމެ ފަހުވަގުތާއި ހަމައަށްވެސް މަސައްކަތްކުރަންވާނީ މުޅި ރައްޔިތުންގެ ހިމާޔަތުގައި." އަސްލަމް ވިދާޅުވިއެވެ.

އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ މި އިޞްލާހަށް ތާޢީދުކުރައްވާކަމަށެވެ. ސަބަބަކީ މި އިސްލާހުގައިވާގޮތުން ކުށަކާ ލައިގެން ވަކިކުރާ މީހަކަށް އިނާޔަތް ނުލިބޭ ކަމަށާ، ނަމަވެސް ކުށަކާ ނުލައި މަޤާމުން ވަކިވާ މީހުންނަށް އިނާޔަތް ލިބޭނެއެވެ.

"އެބޭފުޅުންނަކީ ވަރަށް ބޮޑު ޒިންމާއެއް ބުރައެއް އުފުއްލަވާބައެއް. އެފަދަ ބަޔަކަށް ކުށަކާނުލާ އެބޭފުޅުންގެ ޝަރަފްވެރިކަމާ ޢިއްޒަތްތެރިކަމުގައި މަޤާމުފުރިހަމަކޮށް ވަކިވާބަޔަކަސށް ހިމާޔަތާ ރައްކާތެރިކަން އެއީ ކޮންމެހެން ކުރަންޖެހޭކަމެއް." ފަލާހު ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅި އިޞްލާޙަށް ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ 19 ވަނަ މަޖިލީހަށް އެމްޑީޕީއަށް ރައްޔިތުން އަޣްލަބިއްޔަތު ދެއްވުމަކީ ނަސީބެއްކަމަށެވެ. އެހެންނޫންނަމަ އެފަދަ އެތައް ކަމެއް އަނެއްކާވެސް ތަކުރާރުވާނެކަމަށް އިމްތިޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ހައްގުތައްވެސް އެމްޑީޕީން ހިމާޔަތްކުރާނެކަމަށާއި، ފަނޑިޔާރުގެވެސް މިނިވަންކުރާނެކަމަށެވެ. އަދި ފަނޑިޔާރުންނަށް އުޖޫރައާއި ޕެންޝަނާއި އެހެން އިނާޔަތްވެސްދޭނީ ބައިނަލްއަޤްވާމީ އުސޫލުންކަމަށެވެ.

"ކިތަންމެ ވަރަކަށް ފަނޑިޔާރުން ރުއްސަން އުޅުނުކަމުގައި ވިޔަސް ހަމަ އެބޭފުޅުންގެ އަތުން ބޮނޑިބޯނީ. އަޅުގަނޑުމެން ގިނަ އިއްޒަތްތެރި މެންބަރުންނަށް ނުހައްގުން އިއްޒތްތެރި ރައީސްއަށްވެސް އަނިޔާލިބިފައިވަނީ ނުހައްގުން ފަނޑިޔާރުގެއިން އިނގޭތޯ." އިމްތިޔާޒް ވިދާޅުވިއެވެ.

މި އިޞްލާހަށް ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭނެކަމަށެވެ. އެއީ ޤައުމުގެ ކަރާމާތް ހިފެހެއްޓުމަށްޓަކައިކަމަށެވެ.

"އަޅުގަނޑު މި ބިލާ އެއްކޮޅު އެއްކޮޅު އެއްކޮޅު" މޭޒުމަތީ އަތްޖައްސަވަމުން ކޯފާއިސްކުރައްވާ ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ފެހި ޤާނޫނު އަސާސީއަށް ޢަމަލުކުރުމުގެ ކުރިން އޭރުގެ ރައީސަކަށް ހުންނެވި ބޭފުޅަކު ރުހިވަޑައިގަންނަވާ ކޮންމެ ވަޒީރުކަމަށް އެތައް މަންފާތަކެއް ހޯދައިދީފައިވާކަމަށެވެ.

"ދިހަ އަހަރުފަހުން އިނާތަރް ނުދެވިގެން މިތާ ބަހުސްމިކުރާ ފަނޑިޔާރަކީވެސް މާލޭގައި ދައުލަތުން އެތައް އިނާޔަތެއްދީ ސަރުކާރުގެ ބަޖެޓުން ލޯން ދެއްވައިގެން އިންޓްރެސްޓް ފްރީގޮތަށް ގެ ހަދާދެއްވާ ދިހަބުރި އިމާރާތެއް ހުރި ބޭފުޅެއް. އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އަހަރެއްގެ ތެރޭގައި ލިބިވަޑައިގަންނަވައޭ." ޝަރީފް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ވެސް ވަނީ އެ އިޞްލާހަށް ތާޢީދުކުރައްވާ ވާހަކަ ދައްކަވާފައެވެ. މި އިޞްލާހަށް އެމްޑީޕީން ދެކޮޅު ހައްދަވަނީ އެޕާޓީއަށް ނިސްބަތް ނުވާ މެންބަރަކު ހުށައެޅުމުންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"މި ބިލުގަވެސް އެއްފަރާތުގަ ރީނދޫ ކުލަ ކާއްތާލާފަ ހުރިނަމަ މީ ވަރަށް ފުރިހަމަ ބިލަކަށް ވެގެން ދިޔައީސް. މީގަ ނެތް އެއްވެސް ވަރަކަށް ރީނދޫ ކާއްތާފައެއް. އެހެންވެ މި ކަމުނުގޮސްގެން މިއުޅެނީ." ލަތީފް ވިދާޅުވިއެވެ.

ފަނޑިޔާރުންނަށް ޤާނޫނުގެ ދަށުން މިހާރުވެސް ލިބިދޭ އިނާޔަތްތަކުގެ ތެރޭގައި މެޑިކަލް ސްކީމެއްގެ ދަށުން ކޮންމެ ފަނޑިޔާރަކަށާއި، އޭނާގެ 18 އަހަރު ނުފުރޭ އުފަން ދަރިންނަށާއި، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި، އޭނާގެ މައިންބަފައިންނަށް، ރާއްޖޭން ނުވަތަ ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރެވޭނެގޮތް ދައުލަތުގެ ޚަރަދުގައި ދޭންޖެހެއެވެ. އަދި ކޮންމެ ފަނޑިޔާރަކަށްމެ މުސާރައިގެ އިތުރުން، ލިވިންގ އެލަވަންސެއް ލިބެންޖެހެއެވެ. މީގެ އިތުރުންވެސް ގިނަ އިނާޔަތްތަކެއް ލިބެއެވެ.

ފަނޑިޔާރުންނަށް އިނާޔަތާއި އިމްތިޔާޒް ދިނުމަަށް ޤާނޫނަށް އިޞްލާޙު ހުށައަޅާފައިވާއިރު މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށްވެސް އިތުރު އިނާޔަތާއި އިމްތިޔާޒް ލިބޭގޮތަށް ހުށައަޅަފައިވާ އިޞްލާހުތަކަށް އެމްޑީޕީން ވަނީ ފާޑުވިދާޅުވެ ދެކޮޅު ހަދާފައެވެ.