ޚަބަރު

ލަންކާއަށް ދިން ޙަމަލާތަކާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފި


ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅުންހުރި ކަމަށް ޝައްކު ކުރެވޭ އިތުރު ބަޔަކު ހައްޔަރުކޮށްފިކަން އެގައުމުން ހާމަކޮށްފިއެވެ.

ސްރީލަންކާގެ ޑީފެންސް މިިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރުވަން ވިޖެވަރުދަނަ ވިދާޅުވީ ޓެރަރިސްޓް ޙަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ އިތުރު ފަނަރަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ މިހާތަނަށް ހައްޔަރު ކުރި މީހުންގެ އަދަދު ސާޅީހަށް އަރާ ކަމަށެވެ. އަދި ފަހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ސޫރިޔާގެ ރައްޔިތަކުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާ ސަރުކާރުންވަނީ އަންގާރަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްކަމަށް އިއުލާންކޮށްފައެވެ. މިގޮތުން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާނުގައި އަންގާރަ ދުވަހުގެ ހެނދުނު އެގައުމުގެ ކަންކޮޅުތަކުގައި ތިން މިނެޓުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

ވިޖެވަރުދަނަ ވިދާޅުވީ ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި ބޭރު މީހުންގެ އަދަދުވެސް ތިރީސް އަށަކަށް އަރާކަމަށާ އޭގެތެރެއިން ގިނަމީހުންގެ ހަށިތައް ދެނެގަނެވި އެހަށިތައް އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުންދާކަމަށެވެ. އަދި އެ ހަމަލާތަކުގައި މަރުވި ސްރީލަންކާގެ ބައެއް މީހުންގެ ޖަނާޒާވެސް އަންގާރަ ދުވަހުވަނީ ބާއްވާފައެވެ.