ޚަބަރު

ޔުނައިޓެޑްގެ ސްޕޭން ކުޅުންތެރިން ރަތަށް


މެންޗެސްޓާ ޔުނައިޓެޑްގެ ސްޕޭން ކުޅުންތެރިން ޓީމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި މައްސަލައަކީ އިނގިރޭސި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ތަފާތު ކުރުމެވެ. މި ގޮތުން ހިތްހަމަނުޖެހިފައިވަނީ ސްޕޭނުގެ ކީޕަރު ޑޭވިޑް ޑެހެޔާ އާއި ދެ މިޑްފީލްޑަރުން ކަމަށްވާ ހުއާން މާޓާ އާއި އެންޑާ ހެރޭރާ އެވެ.

މި ކުޅުންތެރިންގެ ތެރެއިން އާކޮންޓްރެކްޓެއްދޭން ޔުނައިޓެޑުން ބޭނުންވާ ހަމައެކަނި ކުޅުންތެރިއަކި ޑެހެޔާ އެވެ. އަނެއް ދެ ކުޅުންތެރިން ދޫކޮށްލަން އުޅޭއިރު އެމީހުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން އިކުއެޑޯގެ އެންޓޯނިއޯ ވެލެންސިއާ އާއި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ފަދަ ކުޅުންތެރިން ވެސް ވިއްކާލަން ޔުނައިޓެޑް ވަނީ ތައްޔާރުވެފަ އެވެ. މިއާ ހިލާފަށް މާރަނގަޅު ކުޅުމެއް ނުދެއްކުނަސް އެންތަނީ މާޝިއަލް އާއި ލޫކް ޝޯ އާއި އޭޝްލީ ޔަންގް ފަދަ އިނގިރޭސި ކުޅުންތެރިންގެ ކޮންޓްރެކްޓް ވަނީ އާކޮށްފަ އެވެ.
ޔުނައިޓެޑުން މިގޮތަށް އަމަލުކުރަމުން މިދަނީ އިނގިރޭސި ކުޅުންތެރިންނަށް އިސްކަންދިނުމުގެ ގޮތުންނެވެ. މި ގޮތުން ކޯޗު އޮލޭގަނާ ސޮލިޝަޔާ ވަނީ ރަނގަޅު ވަރުގަދަ ޓީމެއް ބިނާކުރުމަށް އެކަޑަމީގެ ޒުވާން ކުޅުންތެރިންނަށް އިސްކަން ދޭން ފަށާފަ އެވެ.