ޚަބަރު

ހުއްދަ ނުނަގައި ޓެކްސީ ކުރި 12 އުޅަނދެއް ޖޫރިމަނާކޮށްފި


ޓެކްސީ ކުރުމުގައި ނަގަންޖެހޭ ހުއްދަ ނުނަގައި ދުއްވުމުގެ ސަބަބުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 12 އުޅަނދަކާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޓްރެފިކް ޑިޕާޓްމަންޓުގެ ފުލުހުން ގެންދަނީ ކޮންމެ ހަފްތާއަކުވެސް، ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކާއި، ޓްރެފިކް ޤަވައިދާއި ޚިލާފުވާ ފަރާތްތަކުގެ ތަފާސްހިސާބު ހިއްސާކުރަމުންނެވެ. ޓްރެފިކް މައްސަލަތަކުގެ ގޮތުގައި ހުސްވިމަހު ހުށައެޅިފައި ހުރި މައްސަލަތަކަށް ބަލާއިރު، ފުލުހުން ވަނީ، ހުއްދަ ނުނަގައި ޓެކްސީ ކުރި 12 ޓެކްސީއެއް ހުއްޓުވައި ޖޫރިމަނާކޮށްފައެވެ.

ޓެކްސީ ކުރުމުގެ ޤަވާއިދުގައި ވާގޮތުން ޓެކްސީގެ ޚިދުމަތް ދެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ވަކި ޚާއްސަ ހުއްދަތަކެއް ނަގައިގެންނެވެ. އެގޮތުން ޓެކްސީ ކުރާ މީހާގެ އަތުގައި ޓެކްސީ ކުރުމުގެ ލައިސަންސް އޮތުމާއި، ދުއްވާ ކާރަކީ ޓެކްސީ ކުރުމުގެ ޙުއްދަ ނަގާފައިވާ ކާރަކަށްވުމާއި، ހުއްދަ ދެވޭނީ، ޓެކްސީކުރުމުގެ ހުއްދަ އޮތް ޓެކްސީ ސެންޓަރެއް މެދުވެރިކޮށެވެ. ޤަވާއިދުގައި ވާގޮތުން މި މަޢުލޫމާތުތައް ފެންނަގޮތަށް ޓެކްސީގައި ހަރުކޮށްފައި ހުންނަންޖެހެއެވެ.

ވޭތުވެދިޔަ 4 ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ލައިސަންސް ނެތި ޓެކްސީކުރާ ކާރުގެ އަދަދު ކޮންމެ ހަފްތާއަކުވެސް މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން ފުރަތަމަ ހަފްތާގައި ޓެކްސީކުރުމުގެ ލައިސަންސް ނެތި ދުއްވި 4 އުޅަނދާއި މެދު ފުލުހުން ފިޔަވަޅު އަޅާފައިވާއިރު، 2ވަނަ ހަފްތާ އަދި 3ވަނަ ހަފްތާގައި ޓެކްސީ ކުރުމުގެ ލައިސަންސް ނެތި ދުއްވައިގެން މިއިން ކޮންމެ ހަފްތާއަކު ތިން ކާރު ޖޫރިމަނާކޮށްފައިވެއެވެ. މިމަހުގެ 13އިން 19އަށް ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ލައިސަންސް ނެތި ދުއްވައިގެން 2 ޓެކްސީ ވަނީ ހިފަހައްޓާފައެވެ.

ޓެކްސީ ޤަވައިދު ބުނާގޮތުން، ޓެކްސީ ކުރުމުގެ ހުއްދަ ނެތް އުޅަނދެއް ހިފަހައްޓާ ފުރަތަމަ ފަހަރު 500ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ދެވަނަ ފަހަރު ނަމަ 750 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، ތިން ވަނަ ފަހަރު ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެއެވެ. އެއް އަހަރުތެރޭ އުޅަނދެއް ތިންފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާކޮށްފިނަމަ، އެ އުޅަނދަކަށް ދޫކޮށްފައިވާ ޓެކްސީކުރުމުގެ ލައިސަންސް އެއް އަހަރު ދުވަހުގެ މުއްދަތައް ހިފެހެއްޓިދާނެއެވެ.

ޓްރެފިކް މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ޤަވާއިދާ ޚިލާފަށް ޕާކްކުރުމުގެ މައްސަލައެވެ. ގަވައިދާ ޚިލާފަށް ޕާކުކޮށްގެން، 1061 އުޅަނދުގައިވަނީ ސްޓިކަރ ޖަހާފައެވެ.

އެކި އޮޕަރޭޝަންތަކުގައި ފުލުހުން ވަނީ މިދިޔަ ހަފްތާގައި 572 އުޅަނދެއް ޗެކް ކޮށްފައެވެ. މީގެތެރޭގައި ލައިސަންސް ނެތި ދުއްވުމާއި، ލައިސަންސް ނުނަގައި ދުއްވުމުގެ 192 މައްސަލަ ހިމެނެއެވެ. އަދި ރޯޑްވާދިނަސްއާއި، އަހަރީގެ ފީ ނުދެއްކުމުގެ 84 މައްސަލަ ހިމެނެއެވެ.