ޚަބަރު

ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް ދާން އުޅޭކަމުގެ ވާހަކަތަކަށް ކޯޗް ރައްދު ދީފި


އަންނަ ސީޒަނުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގައި ހުންނާނެ ކަމަށް ކޯޗު އަލެގްރީ ބުނެފިއެވެ.

އޭނާ މިހެން ބުނީ 115 މިލިއަން ޕައުންޑަށް މި އަހަރު ގެނައި 34 އަހަރުގެ ކުޅުންތެރިޔާ ޔުވެންޓަސް ދޫކޮށްދާން އުޅޭ ވާހަކަ ދެކެވެމުންދާތީއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަދާފައިވާ ހަތަރު އަހަރުގެ ކޮންޓްރެކްޓް އުވާލުމަށް މަޝްވަރާކޮށްފައެވެ. ސަބަބަކީ އެ ޓީމަށް މި އަހަރުގެ ޗެމްޕިއަންސް ލީގު ނުލިބޭނެކަން ޔަގީންވުމެވެ.

ނަމަވެސް އިޓަލީގެ ބައެއް މީޑިޔާތަކުން ބުނަނީ ޓީމު ވަރަށް ބޮޑަށް ބަދަލު ކުރަން ޔުވެންޓަސް ވިސްނާތީވެ ރޮނާލްޑޯ ވިއްކާލުން ގާތް ކަމަށެވެ. ސަބަބަކީ އޭނާ އަކީ ދުވަސްވީ ކުޅުންތެރިއަކަށްވެފައި އޭނާ ގަތުމަށް އެކުލަބުން ހޭދަކުރި އަގު މިހާރު ލިބިފައިވުންނެވެ. މި މައްސަލާގައި ރޮނާލްޑޯ އަދި ވަކިއެއްޗެއް ނުބުނެއެވެ.

ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔާ މިދިޔަ އަހަރު ބުނެފައިވަނީ އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށެވެ. އަދި ޗައިނާ އާއި ގަރަތާއި އެމެރިކާ ލީގުގެ ބަދަލުގައި ޔޫރަޕުގެ ލީގެއްގައި ކުޅެން ބޭނުންވާ ކަމަށެވެ.