މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ޚާއްސަ ކޮށްގެން މިއަހަރު ދިނުމަށް
ހަމަޖެހިފައިވާ ލޯން އެހީގެ ފުރުސަތުތަކުގެ ތެރެއިން ފުރަތަމަ ބުރުގެ ލޯން އެހީގެ
ފުރުސަތު ހުޅުވާލައިފިއެވެ.
މި ލޯން އެހީގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތައުލީމް
ހާސިލްކުރުމަށް ތިން ސަތޭކަ ހަތްދިހަ ފަސް ދަރިވަރުންނަށް ލޯން އެހީ ދިނުމަށް ވަނީ
ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް
ދޫކުރުމަށް ހަމަޖެހިފައިވާ ފަސްދޮޅަސް ފުރުސަތާއި، އަލަށް
ކިޔަވަން ފަށާދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ތިން ސަތޭކަ ފަނަރަ ފުރުސަތު
ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އެޑިއުކޭޝަން
މިނިސްޓްރީން ބުނީ، މަތީ ތައުލީމުގެ ލޯން އެހީގެ ފުރުސަތުގެ ދަށުން މިހާރު
ކިޔަވަމުންދާ ދަތިވަރުންނަށް ދެވޭ ލޯން އެހީއަށް އެދެވޭނީ މިމަހު އެކެއްގެ ކުރިން
ކިޔެވުން ފެށިފައިވާ ދަރިވަރުންނަށް ކަމަށާއި، މިހާރު ކިޔަވަން ފަށާފައިވާ
ދަރިވަރުންގެ ތެރެއިން ރާއްޖޭގައި ކިޔަވަމުންދާ ފަންސާސް ދަރިވަރަކަށް ލޯން އެހީ
ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންގެ
ތެރެއިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިފަހަރު ދޫކޮށްފައިވަނީ
ހަމައެކަނި ބެޗްލަރސް ޑިގްރީ ހަދަމުންގެންދާ ދަރިވަރުންނަށް ދޫކުރާ 10 ފުރުސަތެވެ.
އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން ރާއްޖޭގައި ތައުލީމް ހާސިލް ކުރުމަށް
ސަތޭކަ އަށްޑިހަ ނުވަ ދަރިވަރަކަށް ލޯން އެހީދެވޭނެކަމަށާއި، އަލަށް ކިޔަވަންފަށާ
ދަރިވަރުންގެ ތެރެއިން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރުމަށް ސަތޭކަ
ސައްބިސް ދަރިވަރަކަށް ލޯން އެހީދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން
މައުލޫމާތުދެއެވެ.
މި ލޯން އެހީގެ އެޕްލިކޭޝަން ފޯމާއި، އުސޫލު މިމަހު ތޭރައިން
ފެށިގެން މެއި މަހުގެ ހަތްވަނަ
ދުވަހުގެ ނިޔަލަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ
އެޑިޔުކޭޝަނުން ލިބެން ހުންނާނެކަމަށާއި، ލޯން އެހީގެ އެޕްލިކޭޝަން ފޯމް
ހުށަހެޅުމަށް ބޭނުންވާ ނަންބަރު މިމަހުގެ ތޭރައިން ފެށިގެން އެ ޑިޕާޓްމަންޓުން
ދޫކުރަމުން ގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.