ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ 23 ވަނަ ސިފައިންގެ ފޮޓޯ މަޢުރަޒު ކުޑަކުދިންގެ ހަވީރަކާއި އެކު ހުޅުމާލެ ރެހެންދި ސްކޫލް ގައި ބާއްވަން ނިންމައިފިއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ، މި ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކަމަށެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި، ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމަށާއި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސިފައިން އިޖުތިމާޢީ ގޮތުން ބައިވެރިވެފައިވާ ހަރަކާތަކާއި ސިފައިންގެ ތާރީޚާ ގުޅުންހުރި ފޮޓޯތަކާއި އެކި ތަމްރީންތަކުގެ ގިނަ ފޮޓޯތަކެއް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ.
މި ފޮޓޯ މަޢުރަޒު ހުޅުވިފައިހުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 14:00 ން 15:00 އަށް، ހަވީރު 16:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނެކަމަށް އެމް.އެން.ޑި.އެފުން ވިދާޅުވެއެވެ.
މި ފޮޓޯ މަޢުރަޒާއެކު ހުކުރު ދުވަހުގެ ހަވީރު 16:00 ން 18:00 އަށް އެމްއެންޑީއެފް މާލެ އޭރިއާގެ ކުޑަކުދިންގެ ހަވީރު ރެހެންދި ސްކޫލުގެ އޯޕަން އޭރިއާގައި ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި ސިފައިން ބޭނުންކުރާ ބައެއް އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.