ޚަބަރު

130 މިލިއަނަށްވުރެ ކުޑަކޮށް މާނޭ ނުވިއްކާނެ


ރެއާލް މެޑްރިޑުން ކިތަންމެ ބޭނުންވި ނަމަވެސް 130 މިލިއަން ޕައުންޑަށްވުރެ ކުޑަކޮށް ސާދިއޯ މާނޭ ވިއްކަން ލިވަޕޫލް ބޭނުން ނުވާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފި އެވެ.

ސެނަގާލްގެ ފޯވަޑް ވަނީ ސައުތެމްޓަނުން ލިވަޕޫލަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މި ސީޒަނުގައި 42 މެޗުން 21 ގޯލު ޖަހާފަ އެވެ.

މާނޭ އަކީ ރެއާލް މެޑްރިޑްގެ ސްކޮޑް އޯވަހޯލް ކުރާއިރު އެ ޓީމަށް ގެންދަން ކޯޗު ޒައިނުއްދީން ޒިދާން ބޭނުންވާ ކުޅުންތެރިއެކެވެ. ނަމަވެސް ލިވަޕޫލުން ތިބީ އެ ޓީމުގެ އެއްވެސް ތަރިއަކު ވިއްކާގޮތަކަށްނޫނެވެ.

އެކަމަކު ރެއާލް މެޑްރިޑް ފަދަ ބޮޑު ކުލަބަކަށް ކުޅުންތެރިޔާ ދާން ބޭނުންވެއްޖެނަމަ އެންމެ ކުޑަކޮށް ވެސް ވިއްކަން ބޭނުންވާ އަގުތަކާމެދު ދަނީ މަޝްވަރާކުރަމުންނެވެ. ލިވަޕޫލުން އެ ޓީމުގެ އެންމެ ވިދުންގަދަ އެއް ތަރި ބްރެޒިލްގެ ފިލިޕް ކުޓީނިއޯ މިދިޔަ އަހަރު ބާސެލޯނާ އަށް ވިއްކާލީ ވެސް 148 މިލިއަން ޕައުންޑަށެވެ.

އަނެއްކޮޅުން ޒިދާން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މާނޭ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަދި ޗެލްސީގެ އެޑެން ހަޒާޑްކުރެ އެކަކު ވެސް ފިސާރި އަގެއްގައި ލިބޭނެ ކަމަށް ނުބެލެވެއެވެ.