ވިޔަފާރި

ރަމަޟާން މަހު މާލޭގެ ބާޒާރުގައި މިރުހުގެ އަގު އުފުލޭނެ - ވިޔަފާރިވެރިން


ހޫނުގަދަވުމުގެ ސަބަބުން މިރުސް ހެއްދުމުގައި ދިމާވެފައިވާ ދަތިތަކާއެކު މިފަހަރުގެ ރަމަޟާން މަހު ބާޒާރުގައި މިރުހުގެ އަގު އުފުލުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ރަމަޟާން މަހަކީ އެހެން މަސްމަހާ ޙިލާފަށް ކާބޯތަކެއްޗަށް އޮންނަ ޑިމާންޑް އިތުރުވެގެންދާ މަހެކެވެ. ޚާއްސަ ގޮތެއްގައި ރަމަޟާންމަހު ލޯކަލް މާރުކެޓުގެ ބާރުބޮޑުވެއެވެ. މާރުކރޓުގައި ވިއްކަން ހުންނަ ބާވަތްތަކުގެތެރެއިން މިރުހަށް އޮންނަ ޑިމާންޑު ކޮންމެ އަހަރެއްގެ ރަމަޟާންހުވެސް އިތުރުވެއެވެ.

ޑިމާންޑާއި އެއްވަރަށް މިރުސް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން މިދިޔަ އަހަރުގެ ރަމަޞާންމަސް ފެށުނުއިރުވެސް މިރުހުގެ އަގު ވަނީ އުފުލިފައެވެ. ނިމިދިޔަ ރަމަޟާންމަހު ބާޒާރުގައި މިރުސް ކިލޯއެއްގެ އަގުވަނީ 350 ރުފިޔާއާއި އާއި 450 ރުފިޔާއަށް އުފުލިފައެވެ. އަދި މައްސަލަ ޙައްލުކުރުމަށް ރާއްޖެއިން ބޭރުން ވަނީ މާލޭގެ ބާޒާރަށް ގިނަ އަދަދަކަށް މިރުސް ގެނެސްފައެވެ.

ރަމަޟާންމަސް އައުމަށް ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު މިފަހަރުވެސް މާލޭގެ ބާޒާރުގައި މިރުހުގެ އަގުމިވަނީ އުފުލިފައެވެ. މާލޭ ބާޒާރުގައި މިވަގުތު މިރުސް ކިލޯއެއް ލިބެންހުރީ 500 ރުފިޔާއާއި 600 ރުފިޔާއާއި ދެމެދުގައެވެ. އަދި 100 ގުރާމު މިރުސް ލިބެންހުރީ 55 ރުފިޔާއާއި 70 ރުފިޔާއާއި ދެމެދުގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން ބުނީ މިރުހުގެ އަގު ބޮޑުވެފައިވަނީ މިރުސް ލިބުމުގައި ދަތިތަކެއް ހުރުމުންކަމަށެވެ. މިދިޔަ ދުވަސްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހޫނުގަދަ ދުވަސްވަރެއްކަމުން މިރުސް ދަނޑުތައް ހަލާކުވެ ގަސްތަކުގައި މާ ހަރުނުވުމަކީ މިރުސް ލިބުމުގައި ދިމާވެފައިވާ ދަތިތަކެއްކަމަށް ވިޔަފާރިވެރިން ފާހަގަކުރިއެވެ.
"މިރުހުގެ އަގު މިހާ ބޮޑުވެގެން މިއުޅެނީ ހޫނުގަދަވެގެން މާތައް ފައިބާތީ މިރުސްތައް ހަލާކުވެގެންދަނީ. މިގޮތައް އަގު އުފުލިގެން އުޅޭތާ 2 މަސް 3 މަސް މިވަނީ. ރޯދަމަހު މިރުސް އަންނަކަމަށްވަންޏާ ދަށްވެސް ވެދާނެ މަތިވެސް ވެދާނެ. މިރުސް ނާންނަކަމަށްވަންޏާ މަތިވާނެ" މާރުކޭޓް ގޮޅިއެއްގައި ތަކެތި ވިއްކާ ވިޔަފާރިއެރިއެއް ބުނެޏެވެ.

މާރުކޭޓުގައި މިރުހުގެ އަގު އުފުލިފައިވާތާ މިހާރުވެސް ތިން މަސްވަރު ވެފައިވާކަމަށް ވިޔަފާރިވެރިން ބުނެއެވެ. މާލޭގެ ބާޒާރަށް އެންމެގިނައިން މިރުސް ގެންނަނީ ތ.ކަނޑޫދޫ އާއި ލ.އަތޮޅުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް ޢަލީ ނާސިޙް ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހު ކަނޑޫދޫއިން މާލޭގެ ބާޒާރަށް ގެންނަ މިރުހުގެ ނިސްބަތް ކުރިއާ އަޅައިބަލާއިރު %90 ދަށްވާނެކަމަށެވެ. މީގެ ސަބަބަކީ ހޫނުގަދަވެ ގަސްތައް ހަލާކުވުމާއި ގަސްތަކަށް ބަލިޖެހުންކަން އޭނާ ފާހަގަކުރެއްވިއެވެ. ނާސިޙް ވިދާޅުވީ، ކުރިން 10 ބަސްތާ މިރުސް ބިނދެވޭ ދަނޑުތަކުން މިހާރު އެންމެ ބަސްތާއެއްގެ މިރުސްވެސް ނުލިބޭކަމަށެވެ. އެހެންކަމުން މިއަހަރު ކަނޑޫދޫއިން އަންނަ މިރުހުގެ ނިސްބަތް ދަށްވެ މިރުހުގެ އަގު އުފުލޭނެކަމަށް ބެލެވޭކަމުގައިވެސް އޭނާ ވިދާޅުވިއެވެ.