ސިޔާސީ

ބިން މިލްކު ކުރެވޭ ގޮތަށް އޮތް އިޞްލާޙު މަޖިލީހުން އުވާލައިފި


ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު އުވާލުމަށް މުޅި މަޖިލީހުގެ އިއްތިފާޤުވެއްޖެއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިޞްލާޙުގެނެސް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި 22 ވަނަ ދުވަހެވެ. ޤާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް އެ އިސްލާހު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކުއެވެ. އެ އިސްލާހު ފާސްކުރީ 70 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއީ ޕީޕީއެމްގެ 44 މެންބަރުންނާއި އެމްޑީޕީގެ 10 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުން އަދި އެމްޑީއޭގެ ފަސް މެންބަރުންގެ ވޯޓުންނެވެ.

ބިން މިލްކުރެވޭ އިޞްލާޙު ފާސްކުރުމާއި ދެކޮޅަށް ވޯޓް ދެއްވާފައިވަނީ 14 މެންބަރުންނެވެ.

ޕީޕީއެމްގެ ބޮޑު ތާޢީދާއެކު ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުން ބިމެއް ދެވިދާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އެފަދަ ފަރާތަކަށް ބިމެއްގެ "މިލްކުވެރިކަމުގެ ހައްގުތައް" ދިނުމަކީ އެ ސަރަހައްދެއްގެ މައްޗަށް އޮތް ރާއްޖޭގެ ސިޔާދަތާއި ބާރު ގެއްލި، އެސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ނުބެލެވޭނެ ސަބަބެއް ނޫން ކަމަށް އެ އިސްލާހުގައިވެއެވެ. މި އިޞްލާޙު އުވާލުމަށް ހުށައަޅަފައިވަނީވެސް ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ.

އޭނާގެ ތާޢީދާއެކު ކުރިން ފާސްކުރި އިޞްލާޙު އުވާލުމަށް ހުށައެޅުއްވި ސަބަބެއްކަމަށް ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އެއްވެސް ހާލަތެއްގައި ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރެވުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ބީވެގެންދާނެ ކަމެއް ކަމަށެވެ. މި އިޞްލާޙު ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް ބަހުސްކުރި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ބިން މިލްކުކުރެވޭގޮތް ހަދަންޖެހޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ރައްޔިތުން ނިންމާ ނިންމުމަކުންކަމަށް. ރޮޒައިނާ ވަނީ ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

"ކުރިން މި އިޞްލާޙު ހުށަހެޅި މީހުން އެހެންގޮތަކަށް ހުށައެޅީމަ އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް އެބައެނގޭ އޭރުގަ ހަމަ ވެރިކަމުގައި ތިބެގެން ނާޖާއިޒް ފައިދާތަކެއް ނެގުމަށް ކުރި ކަމެއްކަންމީ. ރައްޔިތުންނަށްޓަކައި ޤައުމަށްޓަކައި ކުރިކަމެއްނަމަ މި ނިންމުން ބަދަލުކުރާކަށް ހުށައަޅާކަށް ނުޖެހުނީސް،" ރޮޒެއިނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ބިން މިލްކުކުރުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އިންވެސްޓްމަންޓްތަކަށް ފަހިކުރުމަށް އަމަލުކުރަމުންދާ އުސޫލެއް ކަމަށެވެ. އަދި ރާއްޖޭގެ އިންވެސްޓްމަންޓް ހިމާޔަތްކުރުމަށް ދީފައިވާ ފުރުޞަތެއްގެ ގޮތުގައި ސިފަކުރައްވާ ޝަރީފް ވާހަކަ ދެއްކެވިއިރު، އޭނާ ވަނީ ބިން މިލްކުކުރެވޭގޮތަށް ފާސްކުރުމަށްވެސް ކުރިން ވޯޓް ދެއްވާފައެވެ.

"ބައެއް ފަރާތްތަކަށް އޮޅިފަ އޮންނަކަމެއް މިއީ ބިން އެއްކޮށް ވިއްކާލަނީއޭ މުޅި ގައުމު ވިއްކާލަނީއޭ. އެފަދަ ވާހަކައެއް މި އިޞްލާޙުގައި ކުރިންވެސް ނެތް. ކޮންމެ މައްސަލައަކީ ވަކި ސަރުކާރަކުން ވަކިމީހަކު ވަކިބަޔަކު ހުށައެޅީމާ އެއީ ޤއުމު ވިއްކާލަނީއޭ މިގޮތަށް ސިފަކުރުމަކީ މުސްތަޤުބަލުގައިވެސް ރާއްޖެއަށް ލިބެންހުރި ފުރުޞަތުތައް ގެއްލިދާނެކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، އެ އިޞްލާހާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެއީ ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންގެ ތާޢީދާއެކު ފާސްކުރި އިޞްލާހެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް އެއްވެސް ތަނަކުން ބޭރުބަޔަކަށް ބިން ވިއްކާފައެއް ނެތް. ހަގީގަތުގަ އެއީ ޤައުމަށް ފައިދާހުރި އިޞްލާހެއް. އެ ޤާނޫނަކުން އަޅުގަނޑުމެންނަށް ގެއްލުމެއް ނުވާނެ،" އިބްރާޙީމް ދީދީ ވިދާޅުވިއެވެ.

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ އިޞްލާޙު އުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. ޕީޕީއެމްގެ ސަރުކާރުގައި މަޖިލީހުން ފާސްކޮށްފައިވާ ބައެއް އިޞްލާޙުތަކާއި ބިލްތަކަށް އަލުން ބަދަލުތައް ގެންނާތީ ސަރުކާރަށް ތާޢީދުކުރާ މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކެއްވަނީ އަމާޒުވެފައެވެ.