ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ ވީހާވެސް ގިނަ ރައްޔިތުންނަށް ލިބޭނެގޮތަށް ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 75 އިންސައްތައަށް ދިރާގުގެ ހައި ސްޕީޑް ބްރޯޑްބޭންޑުގެ ޚިދުމަތް ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކިން ދުރުދުރުގައި ހުއްޓަސް، ދިރާގުން މިހާރު މުޅި ރާއްޖެ ގުޅުވައިލަދީފައިވާކަމަށް ވިދާޅުވިއެވެ. އަދި އެމަސައްކަތް ދިރާގުން ކުރަނީ ގިނަ ގޮންޖެހުންތަކާ އެކުކަމަށާއި ނަމަވެސް އެމަސައްކަތް ދިރާގުން ވަރަށް ފުރިހަމައަށް ކުރަމުން ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދައިދީ، ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި، އީޖާދީ ޙައްލުތައް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގައި، ދިރާގުން އަންނަނީ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަ ކުރެއްވިއެވެ.
"ދިވެހިންގެ އެންމެހައި ގުޅުންތަކާ ލާމެހިފައިވާ މި ކުންފުންޏަކީ، ރަށްރަށުގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. ދިރާގަކީ، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ޚިދުމަތްތެރިއެއް. ވަކިން ޚާއްސަކޮށް، މާލެއާ ދުރު އަތޮޅުތަކުގައި، ރިސޯޓްތައް ތަރައްޤީ ކުރުމުގައި، ދިރާގުގެ ޚިދުމަތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިރާގުން ހޯދާފައިވާ ކުރިއެރުންތަކާއި ދެމުން ގެންދާ އައު ޚިދުމަތްތަކުގެ މައްޗަށް ބައްލަވައި ލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިރާގުގެ ކާމިޔާބީތަކުގެ ސަބަބުން، ދުނިޔޭގެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެއް ސަފެއްގައި ފައި ހަމަކުރުމުގެ ޤާބިލްކަން ރާއްޖެއަށް ލިބިފައިވާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އެއް ފެންވަރެއްގައި އިންޓަނެޓް ފޯރުކޮށްދީ، ޑިޖިޓަލް ޚިދުމަތުގެ ފަރަޤު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ޚިދުމަތްތައް ދިނުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް، މިއަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ލިބި، ޑިޖިޓަލް ޚިދުމަތުގެ ފަރަޤު މިހާރަށްވުރެވެސް ކުޑަވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރަޙައްދީ އަދި އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތަކާއި، އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި، ސްކޫލްތަކާއި، މަދަރުސާތަކާއި، ޝަރުޢީ ކޯޓުތައް ވެސް މިހާރުވަނީ، ޑިޖިޓަލް ވިއުގައިން ގުޅައިލެވި އެއްތަން ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި އައު ކަންތަކަށް ތަރުޙީބުދޭ ބަޔަކަށްވާއިރު، އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރި ކުރުމުގައި، މިހާރަށް ވުރެ ފުޅާ ގޮތެއްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ރައީސް ގޮވާލެއްވިއެވެ. މި ކަމުގައި ވެސް ދިރާގަށް ވަރަށް އިސް ދައުރެއް އަދާ ކުރެވިދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިރާގު ހައި-ސްޕިޑް ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގައި %75 އަށް ފޯރުކޮށްދިނުން އިފްތިތާޙުކޮށްދެއްވާފައެވެ.