ދީން

ހެޔޮކަންތައްތަކުން ދަރިންނަށް މިސާލުދެއްކުމަށް ގޮވާލައްވައިފި


ﷲގެ ރަހްމަތްފުޅާއި، އެކަލާންގެ ރުއްސެވުން އެދޭނަމަ ކޮންމެ ހާލަތެއްގައިވެސް
ﷲ އާ ތިމާއާ ދެމެދުއޮންނަ ގުޅުން ވަރުގަދަކޮށް، މާތް ﷲ އެންގެވިގޮތަށް އަމަލުކޮށް،
ތިމާގެ ދަރިންނަށްވެސް އެމަގުން މަގުދެއްކުމަށް ދުނިޔޭގެ މަސްހޫރު ދީނީ
އިލްމުވެރިޔާ ޝައިޚް ހުސެއިން ޔީ ގޮވާލައްވައިފިއެވެ.



ހުކުރު ދުވަހު މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނު އައުޒަމްގައި ދެއްވި
ހުކުރު ހުތުބާގައި ޝައިޚް ހުސައިން ޔީ ގޮވާލައްވާފައިވަނީ ތިމާގެ ދަރިނަށް
ހަލާލުތަކެތިން ކާންދިނުމަށާއި،  އިސްލާމީދީނުގައި އަންގަވާފައިވާ ގޮތަށް ދަރިން ބޮޑެތިކޮށް،
ދީނުގެ ރިވެތި އުސޫލުތަކުން އެދަރިންނަށް މިސާލުދެއްކުމަށް އެދިވަޑައިގެންނެވިއެވެ.




އިނގިރޭސި ބަހުން ޔީ ދެއްވި މި ހުތުބާގައި ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ﷲ
އަށް ކިޔަމަންތެރިވެ އެކަލާންގެ އެންގެވިގޮތަށް ތިމާގެ ޢާންމު ދިރިއުޅުން ބައްޓަން
ކޮށްފިނަމަ ސުވަރުގެއާ ތިމާއާ ދެމެދުގައި އެސްވެސް ހުރަހެއް ނުވާކަމަށް ﷲ
ވަހީކުރައްވާފައިވާކަމަށެވެ. އިސްލާމް ދީނަކީ އާއިލީ ގުޅުން ބަދަހި ކުރުމުގެ ދީން
ކަމަށާއި، ތިމާގެ މައިންބަފައިންނަށް އަޅާލައި، ޚާއްސަކޮށް އެދެމީހުން މުސްކުޅިވެ
އެހީއަށް ބޭނުންވާ ދުވަހު އަޅާލުމާއި ލޯބިދިނުމަށް ރަސޫލާ ހަދީސް
ކުރައްވާފައިވާކަމަށް ޔީ ފާހަގަކުރެއްވިއެވެ.



ޔީ ވިދާޅުވީ ދުނިޔޭގެ ކަންކަން ހިނގަނީ ވަކި ނިޒާމެއްގެ ތެރެއިން ކަމަށާއި،
ތިމާގެ މައިންބަފައިންނަށް އަޅާނުލާ މީހަކަށް ދުނިޔެމަތީގައިވެސް އެކަން
ދައްކަވާނެކަމަށެވެ. މީގެ އިތުރުން ފުރިހަމަ މުސްލިމަކަށް ވެވޭނީ ފަރުޟު
ފަސްނަމާދު ވަގުތުން ވަޤުތަށް އަދާކޮށް، ތިމާ ކުރާ ކޮންމެ ކަމެއްގައި ﷲ އަށާއި
ތިމާގެ އަމިއްލަ ނަފްސަށް ތެދުވެރިވެގެން ކަމަށް ޔީ ވިދާޅުވިއެވެ. ތިމާއަށް ދީނުގެ
އަޅުކަންތަކަށް ފަރުވާ ކުޑަކުރެވޭނަމަ އެކަން ޤަބޫލުކޮށް އިސްލާހު ވާންވީ ވަޤުތު
ޖެހިއްޖެ ކަމަށާއި، ފާފަ ފުއްސަވާނެކަމުގެ އުފާވެރި ޚަބަރު މާތް ﷲ ދެއްވާފައިވާކަމަށް
ޔީ ވިދާޅުވިއެވެ.

ޝެއިޚް ޔީ ރާއްޖެ ވަޑައިގެން މިއުޅުއްވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށެވެ. އޭނާ ދެއްވާ ހާއްސަ ދަރުސްއެއް މިރޭ މާލޭގައި ބޭއްވުމަށް ހަމަޖްހިފައިވެއެވެ.