ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭގެ އައު "އޭރޯޑްރޯމް" ބިލްޑިންގ ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލްގެ ބޯޑު މެންބަރު އިބްރާހީމް ނޫރައްދީނާއި، އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ޤާއިމުކުރި "އޭރޯޑްރޯމް" ބިލްޑިންގއަކީ އެއަރޕޯޓު ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ތަނެކެވެ. މިއީ އެއަރޕޯޓުގެ ރަންވޭއަށް ބޭނުންވާ ލައިޓްތަކާއި މާކިންގތައް ބެލެހެއްޓުމާއި، ނެވިގޭޝަނަލް އަދި ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ޤާއިމުކޮށްފައިވާ ޢިމާރާތެކެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމާއި، ތަނަށް ބޭނުންވާ އިކުއިޕްމަންޓްސް ހޯދުމަށް 17.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.
މި ޢިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.އޭ.ސީ.އެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙު ވިދާޅުވީ، އަލަށް ހުޅުވި އިމާރާތާއެކު އެއަރޕޯޓުގެ ގްރައުންޑް ހޭންޑްލިންގގެ ކަންކަން މިހާރަށްވުރެ ހަރުދަނާވެގެންދާނެކަމަށެވެ.
"މިހާރު ހުރި ފެސިލިޓީތަކަށްވުރެ މިތަނުގެ ފެސިލިޓީތައް ފެންވަރު ރަނގަޅުވާނެ. ޓެކްނޮލޮޖީގެ ގޮތުން ބެލިނަމަވެސް އެންމެ އަޕްޑޭޓެޓް ސިސްޓަމްތައް މިތަނުގައި މިވަނީ ބެހެއްޓިފައި.. އަދި ޓެކްނިކަލް ރޫމްތަކުގެ އިތުރުން، ސަރވިސް ރޫމްތަކާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ހިންގުމަށް ޙާއްސަ ކްލާސްތައްވެސް ވާނީ ޤާއިމުކުރެވިފައި." މޫސާ ޞާލިޙު ވިދާޅުވިއެވެ.
މޫސާ ޞާލިޙު ވިދާޅުވީ، އައު "އޭރޯޑްރޯމް" ބިލްޑިންގ ފަރުމާކޮށްފައިވަނީ އެއަރޕޯޓުގައި އަލަށް ތަރައްޤީކޮށްފައިވާ ރަންވޭއަށްވެސް ކޭޓަރކުރެވޭނެހެން ކަމަށާއި، އައު ރަންވޭއަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް މަގުފަހިވާނެހެން ކަމަށެވެ.
"މި ފެސިލީޓީ ތަރައްޤީކޮށްފައި މިވަނީ އައު ރަންވޭއަށްވެސް ކޭޓަރކުރެވޭނެހެން.. އައު ރަންވޭއާއެކު އައު ޚިދުމަތްތަކެއްވެސް އެބަ ތަޢާރަފުވެގެންދޭ. އެހެންވީމަ އިތުރު ނެވިގޭޝަނަލް ޓޫލްސްތަކާއި، އިކުއިޕްމަންޓްސް މިތަނަށްވެސް އިތުރުވެގެންދާނެ." މޫސާ ޞާލިޙު ވިދާޅުވިއެވެ.
ދެ ފަންގިފިލާއަކަށް ހަދާފައިވާ މި ޢިމާރާތުގައި، އެއަރޕޯޓުގެ ގްރައުންޑް ހޭންޑްލިިންގ ޚިދުމަތްތަކަށް ބޭނުންވާ ތަފާތު ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމަށްޓަކައި ޚާއްސަ ކްލާސްރޫމްތަކެއްވެސް ޤާއިމުކޮށްފައިވެއެވެ. ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ހިންގާ 1 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން އައު ޕަސެންޖަރ ޓަރމިނަލް ހެދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.