ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބާޠިލް ވޯޓުގެ ގޮތުގައި ހަތަރުހާސް އަށްސަތޭކަ ވޯޓް ކަނޑައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިއީ މަޖިލިސް އިންތިޚާބެއްގައި މިހާ ގިނަ ވޯޓް ބާޠިލްކަމަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ. ދާއިމީ ނަތީޖާ އިޢުލާންކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިޚާބަކީ މަޖިލީހުގެ އިންތިޚާބެއްގައި އެންމެ ބާޠިލް ވޯޓް ގިނަ ފަހަރުކަމަށެވެ. އެގޮތުން މި އިންތިޚާބުގައި ހަތަރުހާސް އަށްސަތޭކަ ވޯޓް ބާޠިލްކަމަށް ކަނޑައަޅާފައިވާކަމަށާއި، އެއީ ވޯޓް ލީމީހުންގެ %2.2ކަމަށެވެ. 2014ވަނަ އަހަރުގެ އިންތިޚާބުގައި ބާޠިލް ވޯޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2120 ވޯޓްކަމަށާއި، އެއީ %1.1އެވެ.
ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިޚާބަށްފަހު އެ ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތަކުން ބާޠިލް ވޯޓް އަލުން ގުނަން ނިންމިކަމަށް. އަދި އެ ވޯޓްތައް ގުނިއިރު ޞައްޙަ ވޯޓްގެ ގޮތުގައި ހުރި ގިނަ ވޯޓް ބާޠިލްކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އެހެންނަމަވެސް އެއްވެސް ދާއިރާގެ ނަތީޖާއަށް ބަދަލު އަންނާނެ އެއްވެސް ޝަކުވާއެއް އަދި އެފަދަ ކަމެއްވެސް އެ ކޮމިޝަނަށް ފާހަގަކުރެވިފައިނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މާމިގިލީ ދާއިރާގެ 4 ފޮށްޓެއް ފިޔަވައި އެއްވެސް ދާއިރާއެއްގެ އެއްވެސް ފޮށްޓަކާ ގުޅޭގޮތުން އޮބްޒާވަރުން ޝަކުވާ ހުށައަޅާފައި ނުވާކަމަށާި، އެހެންނަމަވެސް ވަގުތީ ނަތީޖާ އިޢުލާންކުރުމުން ބައެއް ފަރާތްތަކުން ޝަކުވާ ހުށައަޅަމުން އަންނަނީ އިންތިޚާބު ނާކާމިޔާބުވުމުންވެސް އިތުރު ފުރުޞަތެއް އޮތްތޯ ބެލުމުގެ ނިޔަތުގައިކަމަށް ފާހަގަކުރެވޭކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"ވަގުތީ ނަތީޖާ އިޢުލާންކުރުމާއެކު ބަލިވެއްޖެކަން ޔަޤީންވީމާ އެފަރާތްތަކުން އިތުރު ފުރުސަތެއް ލިބޭތޯ މަސައްކަތްކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަންތައްތަކެއްގެ ގޮތުގައި ފާހަގަކުރެވެނީ. ޤަބޫލްކުރެވޭ ގޮތަކަށް ހަމައެކަނި ހުށައަޅާފައިވާ ޝަކުވާއަކީ މާމިގިލީގެ ދާއިރާގެ ފަރާތުން 4 ވޯޓް ފޮށްޓެއްގައި ޞައްޙަ ވޯޓް ބާޠިލް ވޯޓްގެ ގޮތުގައި ގުނިކަމުގެ ޝަކުވާ އެކަނި." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވަނީ އިތުރު އެއްވެސް ދާއިރާއެއްގައި ޞައްޙަ ވޯޓްގެ ތެރޭގައި ބާޠިލް ވޯޓް ނުހުންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެހެންނަމަވެސް އެއްވެސް ދާއިރާއަކާ ގުޅޭގޮތުން ޝަކުވާ ހުށައަޅާއިފިނަމަ އެކަން ޔަޤީންކޮށްދޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި ބާޠިލް ވޯޓް ގިނަވެފައިވަނީ އިންތިޚާބުތަކާއި ގުޅޭ ޢާންމު ޤާނޫނަށް ގެނައި އިޞްލާޙަކާއި ގުޅިގެންކަމަށް އީސީން ވިދާޅުވެއެވެ. އެ އިޞްލާހަކީ ކެނޑިޑޭޓާ ދިމާލުގައި ރަނގަޅު ފާހަގަ ފިޔަވާ އިތުރު އެއްވެސް ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ ފާހަގައެއް ޖަހައިފިނަމަ ވޯޓް ބާޠިލްވާނެކަމަށެވެ.