ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ލެގުގައި ބާސެލޯނާކޮޅަށް އޭނާގެ ޓީމުން ލަނޑު ޖަހާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގަނަ ސޯލްޝަޔާ ބުނެފިއެވެ.
އޭނާ މިހެން ބުނީ މި ދެ ޓީމުގެ ފުރަތަމަ މެޗުގައި ރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި 1-0އިން ބަލިވުމުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ލޫކް ޝޯއަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗަށް ފަހު ސޯލްޝަޔާ ބުނީ އޭނާގެ ޓީމު ބާސެލޯނާ އަށް ދާނީ އެންމެ ކަމަކަށް ޓާގެޓްކޮށްގެން ކަމަށެވެ. ސޯލްޝެއާ ބުނީ ވިސްނުންތެރިކަމާއެކު ކުޅެފިނަމަ ބާސެލޯނާގެ ދަނޑުގައި ލަނޑު ނުޖެހެންވީ ސަބަބެއް ނެތްކަމަށާއި ދެވަނަ ބުރުގައި ޕީއެސްޖީއާއި ދެކޮޅަށް ކުޅުނު މެޗަކީ ޔުނައިޓެޑަށް ބާސެލޯނާ ކޮޅަށް ލަނޑު ޖަހަން ހިތްވަރު ލިބޭ މެޗެއްކަމަށެވެ.
ސޮލްޝެއާ ބުނީ ބާސެލޯނާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރޭ ޔުނައިޓެޑް ދެއްކީ މޮޅު ކުޅުމެއް ކަމަށާއި ހާއްސަކޮށް ބާސެލޯނާގެ ލަނޑަށް ފަހު ވެސް ޔުނައިޓެޑްގެ މިޑްފީލްޑް ފެނުނީ ވަރުގަދަކޮށް ކަމަށެވެ.
ނަމަވެސް މެޗުގައި ރަނގަޅު ކަންތައްތަކާ އެއްވަރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް ފާހަގަ ކުރެވުނު ކަމަށް ކޯޗު ބުންޏެވެ. ރޭގެ މެޗުގެ ކުރިން ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗު ބަލަން ސޯލްޝަޔާ ސްޕޭނަށް ވެސް ދަތުރުކުރިއެވެ.