ކްރިކެޓް ވައިޑީޕީގައި ބޭނުންކުރާނެ ޖާރޒީ އިންޑިޔާ އެމްބަސީން ކްރިކެޓް ބޯޑަށް ހަދިޔާކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ އިންޑޯ ކްރިކެޓް ހޯލުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތުގައި ސްކޫލްތަކަށް ޖާރޒީ ހަވާލްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއާއި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އެވެ.
މި ރަސްމިއްޔާތަށްފަހު މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ އިންޑިޔާ އެމްބަސީން ރާއްޖޭގެ ސްކޫލްތަކުގެ ކުދިންނަށް މި ދެއްވި އެހީތެރިކަމަކީ އެކުދިންނަށް ކުރިއަށްދާން ލިބޭނެ ބޮޑު ހިތްވަރެއްކަމަށާއި، ކުޅިވަރުގެ ތެރެއިން ދަރިވަރުން ކުރިއަށްދިޔުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ބެލެނިވެރިންވެސް ދަރިވަރުން ކްރިކެޓްކަހަލަ ކުޅިވަރަކުން ކުރިއަށްދާން ހިތްވަރުދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
އިންޑިޔާއިން ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ކްރިކެޓުގެ އެކި އެކި ކަންކަމުގައި އެމްބަސީންނާއި އިންޑިޔާއިން ގިނަ ކަންތައްތަކަކަށް އެހީވާން ނިންމާފައިވާކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ގިނަ އެހީތަކެއް އިންޑީޔާއިން ރާއްޖެއަށް ލިބޭނެކަމަށެވެ. އަދި ވައިޑީޕީގެ ކުދިން ބޭނުންކުރާނެ ޖާރޒީ ހަދިޔާކުރުމުގެ އިތުރަށް ކުރިއަށް އޮތް ކޯޗުންނާއި އެހެނިހެން ޓެކްނިކަލް އެހީތައްވެސް އިންޑިޔާއިން ވެދެއްވާނެކަމަށް އިންޑިޔާގެ ސަފީރު ވިދާޅުވިއެވެ.