ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' އަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބީއެމްއެލް ވާއު ކިޑްސް ދުވުމާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ކުދިންނަށް "ބީޓް ބުލީންގ' ޕްރޮގްރާމަށް ބީއެމްއެލް އިން ޤާއިމް ކޮށްފައިވާ ހާއްސަ ވެބްޕޯޓަލް މެދުވެރިކޮށް ފަންޑްރެއިޒް ކުރެވޭނެކަމަށެވެ.
ދުވުމަށް ރަޖިސްޓްރީ ކުރާ ކުއްޖާ އާއި ބެލެނިވެރިޔާގެ މަޢުލޫމާތު ސައިންއަޕް ޕޭޖް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވާލުމުން ކޮންމެ ކުއްޖަކަށްވެސް ޚާއްސަ ޕްރޮފައިލެއް ތައްޔާރުކުރެވޭނެއެވެ. އަދި ޕްރޮފައިލް އެކްޓިވް ކުރުމަށްފަހު އެސް.އެމް.އެސް މެދުވެރިކޮށް މަޢުލޫމާތު ބެލެނިވެރިންނަށް ހިއްސާކުރުމުން ޕްރޮފައިލް ބޭނުން ކޮށްގެން ފަންޑްރެއިޒް ޕޭޖް ގާއިމް ކުރެވޭނެއެވެ. ކޮންމެ ކުއްޖަކަށްވެސް ފަންޑްރެއިޒް ކުރެވޭނެ އެންމެ މަތީ އަދަދަކީ 2 ދެހާސް ރުފިޔާކަމަށް ސައީދު ވިދާޅުވިއެވެ.
މިއަހަރުގެ އިވެންޓުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އާރކްގެ ބީޓް ބުލީން ކެންޕެއިނަށެވެ.
އާރކްގެ މެނޭޖިންގ ޑިރެކްޓަރ މުރުތަލާ މޫސާ ވިދާޅުވީ، މި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ބުލީ ކުރުން ނުވަތަ ހަނގާކުރުމާއި ދެކޮޅަށް ހިންގާ ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކަށްކަމަށެވެ. މީގެތެރޭގައި މުދަރިއްސުންނަށް ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތަކާއި، ކުޑަކުދިން ހަނގާ ކުރުމާއި ދެކޮޅަށް ބާރުވެރިކުރުވުމަށް ހިންގާ ސެޝަންތަކާއި، ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތައް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލް ވާއު ކިޑްސް ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ހުޅުމާލެގައެވެ. 2016 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މި ދުވުމުގައި 4 އުމުރުފުރާއަކަށް ބަހާލައިގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އުމުރުން 4 އަހަރާއި 13 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް މި ދުވުމުގައި ބައިވެރިވެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއަހަރުގެ ދުވުމުގައި 1000 ކުދިންނަށް ބައިވެރިވުމަށް ޖާގަ ހުޅުވާލާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި ދުވުން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ބުނެދީ ކުދިންނާއި ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުވުން. މިއީ ބީއެމްއެލް ވައު ކިޑްސް ރަން ބާއްވާ ހަތަރުވަނަ އަހަރެވެ.