ޚަބަރު

އެންމެ މުހިންމު މެޗުން ޑޯޓްމުންޑް ބަލިވެއްޖެ


ޗެމްޕިއަން ބަޔާން މިއުނިކް އަތުން 5-0 އިން ބަލިވެ ބޮރޫޝިޔާ ޑޯޓްމުންޑަށް ޓޭބަލުގެ އެއްވަނަ މަގާމު ގެއްލިއްޖެއެވެ.

ޑޯޓްމަންޑް މި މެޗުން ބަލިވިއިރު ޖަރުމަނު ލީގުގައި ބާކީ ކޮންމެ ޓީމަކަށް ވެސް އޮތީ 6 މެޗެއެވެ. މިހެންވެ އަލުން އެއްވަނަ ހޯދުމަކީ ޑޯޓްމުންޑަށް ނުވުން ގާތްކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖެހީ ކުރިން ޑޯޓްމަންޑަށް ކުޅުނު ޑިފެންޑަރު މަޓްސް ހަމެލްސް އެވެ. ދެވަނަ ހާފުގައި ބަޔާނުން ވަނީ އިތުރު ތިން ގޯލު ޖަހައި މުޅި މެޗުގެ ކޮންޓްރޯލް އަތުލައިފައެވެ.

ބަޔާންގެ ގޯލުތައް ދެވަނަ ހާފުގައި ޖަހައިދިނީ ރޮބާޓް ލެވަންޑޮސްކީ އާއި މާޓިނޭޒް އަދި ސާޖް ގްނެބްރީއެވެ. ބަޔާންގެ ފަސް ވަނަ ގޯލު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖެހީ ލެވަންޑޮސްކީއެވެ.

ރޭގެ ގޯލުތަކާއެކު ލެވަންޑޮސްކީ މިވަނީ ލީގުގައި 200 ގޯލު ޖަހައިފައެވެ. ލެވަންޑޮސްކީއަށްވުރެ އަވަހަށް ލީގުގައި 200 ގޯލު މީގެ ކުރިން ހަމަކުރީ ކުރިން ބަޔާނަށް ކުޅުނު ފޯވާޑް ގާޑް މުލާއެވެ.

234 މެޗުން މުލާ 200 ގޯލު ޖެހިއިރު ލެވަންޑޮސްކީ މި އަދަދަށް ގޯލު ހަމަކުރީ 284 މެޗުންނެވެ. ޖަރުމަނު ލީގުގައި ބަޔާން އެއްވަނާގައި މިހާރު އޮތީ 64 ޕޮއިންޓާއެކުގައެވެ. ޑޯޓްމުންޑަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ތިން ވަނާގައިވާ ލީޕްޒިގަށް ލިބިފައިވަނީ 55 ޕޮއިންޓެވެ.