އެމްޑަބްލިއުއެސްސީން ގޭބީސީތަކަށް ދޫކުރާ ފެން ބުއިމަށް ބޭނުންކޮށް، ފެނަށްކުރާ ހޭދަ ކުޑަކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން އިލްތިމާސްކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞަލިޙް ވިދާޅުވީ، ޖިއޮގްރަފީގޮތުން ރާއްޖޭގެ ފެނުގެ ނިސްބަތަކީ %99 ކަމަށާއި، ހިކިފަސް ސަރަހައްދަކީ %1 ކަމަށް ވީނަމަވެސް ރާއްޖޭގައި އެންމެ ތަދު އެއްޗަކީ ސާފު ބޯފެންކަމަށެވެ.
ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓާކައި ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްކުރާކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، އިންސާނުންގެ ދިރިތިބުމާ ސީދާގޮތުން ގުޅިފައިވާ ކަންކަންކަމުގެ ތެރެއިން ރާއްޖެއަށް އޮތް އެންމެނާޒުކު މައްސަލައަކީވެސް ސާފު ބޯފެނުގެ މައްސަލަކަމަށެވެ. ބިމު އަޑިން ފެންނަގާ ނިސްބަތް އިތުރުވުމުން ގިނަ ރަށްރަށުގެ ފެންފަށަލަ ވަރަށް ބޮޑަށް ތުނިވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ބިމަށް ނަޖިސްފެން ހިންދުމުގެ ސަބަބުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން މިހާރުހުރި މަދު ފެންފޮސްދުވެސް ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާކަމަށެވެ. އަދި ކުރިމަގުގައި މި މައްސަލަ އިތުރަށް ގޯސްވެގެންދިއުން އެކަށީގެންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތިމާވެސީގެ ހިމާޔަތަށް އިސްކަންދޭއިރު ބޯފެން އުފެއްދުމުގައި މިހާރުވެސް މި ބޭޏުންކުރަނީ ޑިސަލުން ހިންގާ އިންޖީނުތައް. އޭގެ ބަދަލުގައި ބޯފެން އުފެއްދުމުގައިވެސް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމާމެދު ވިސްނަންވެއްޖެ. އަދި ވާރޭ ފެން ރައްކާކުރުންފަދަ ތިމާވެށްޓައި ރައްޓެހިގޮތްތަށްވެސް ބޭނުންކުރަންވެއްޖެ." ރައީސް ވިދާޅުވިއެވެ.
މިހާރުވެސް ގިނަ ރަށްރަށުގެ މީހުން ދިރިއުޅެމުންދަނީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރުދުވަހުގެތެރޭގައި ރަށުގެ ކުޑަބޮޑުމިނަށް ނުބައްލަވައި އެއް އުސޫލަކުން ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައިވެސް ޤާއިމްކުރައްވާނެކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވހީގެ މަޝްރޫޢުއަކީ މިމަސައްކަތުގެ ބައެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރުގެ ފަހުކޮޅު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާއިރު ކޮންމެ ގޭބީސީއަކަށް ސާފު ބޯފެނައި ނަރުދަމާގެ ޚިދުމަތް ލިބޭނެކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ އެއްލައްކަ ފަސްދޮޅަސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކުރާ އަވަށެއްކަމަށާއި، 26500 ގޭބީސީ ހުންނައިރު، ފެނާއި ނަރުދަމާ ޤާއިމްކުރުމަކީ އެމްޑަބްލިއުއެސްސީން ހިންގާ އެންމެ ބޮޑު މަޝްރޫޢަށް ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކުންފުނިން މި މަޝްރޫޢު ހިންގަނީ ދައުލަތުގެ ބަޖެޓުން އިތުރު ތަކުލީފެއް އުފުލަން ނުޖެހޭނެގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިފަދަ މަޝްރޫޢުތަކުން ސަރުކާރުން ހާސިލްކުރަން ބޭނުންވާ ކަންކަން ހިއްސާކުރައްވަމުން ރައީސް ވަނީ ބޯފެނަށް ކުރަންޖެހޭ ހޭދައާއި ތަކުލީފް ކުޑަކުރުންކަމަށް ޕްލާސްޓިކް ފުޅި ވީހާވެސް މަދުކުރުންކަމަށް އިލްތިމާސްކުރައްވާފައެވެ.
"އެމްޑަބްލިއުއެސްސީން ގޭބީސީތަކަށް ގުޅައިދީފައިޥާ ފެނަކީ މުޅި މި ސަރައްދުންވެސް ލިބެންހުރި އެންމެ ފެންވަރު ރަނގަޅު އެންމެ ސާފު ބޯފެން. އިންސާނުން ބޯންކަމުދާ ފެނުގެ ފެންވަރު ކަނޑައެޅުމަށް ޑަބްލިއުއެޗްއޯއިން ގެންގުޅޭ މިންގަނޑުންބަލާއިރު ބުއިމަށް ކަމުދާ އެންމެކަމުދާ އެވްރެޖު ފެނަކީ ކޮންޑެކްޓިވިޓީ ލެވެލް 1500 ގަ ުންނަ ފެން. އަލުގަނޑޫމެންގެ ފެންކުންފުނިން މިހާރު ގޭބީސީތަކަށް ދޫކޮށްފައިހުންނަނީ އެޑަބްލިއުއެޗްއޯގެ މި މިންގަނޑަށްވުރެ ތިން ގުނަ މަތި ބޯފެން. އެއީ ކޮންޑެކްޓިވިޓީ ލެވެލް 400 އާއި 500 ދެމެދު ހުންނަ ފެން." ރައީސް ވިދާޅުވިއެވެ
މާލޭގެ ގޭބީސީތަކަށް ދޫކުރާ ފެން ލީޓަރެއް ދޫކުރަނީ 7 ލާރިއަށްކަމަށާ، ފަސް ރުފިޔާއަށް ފެން ލީޓަރެއް ގަންނަނީ ކީއްވެގެންތޯ ރައީސް ސުވާލު އުފެއްދެވިއެވެ. އެހެންކަމުން އެމްޑަބްލިއުއެސްސީގެ ފެން، ބުއިމަށް ބޭނުންކޮށް ފެނަށްކުރާ ހޭދަ ކުޑަކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. ރައީސް ވަނީ މިއަދުން ފެށިގެންވެސް އެ ބަދަލު ގެނައުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ ތިމާވެށި ޙިމާޔަތްކުރުމަށް ގެނެވޭ ބަދަލެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.