ޚަބަރު

މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަނީ ގުޅިފަޅަށް!


މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރާނީ ގުޅިފަޅަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން މިވިދާޅުވީ ސަރުކާރުން ކުރިންވަނީ މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރާނީ ތިލަފުށްޓަށްކަމަށް ވިދާޅުވެފައިވަނިކޮށެވެ. ނަމަވެސް މިހާރު އެ ނިންމެވުން ބަދަލުކުރައްވާފައިވާކަން އިޢުލާނުކުރައްވާކަން ރައީސް ހާމަކުރެއްވީ ވިލިމާލޭގައި އޮތް އެމްޑީޕީގެ ކެމްޕއިން ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞަލިޙް ވިދާޅުވީ، "ގްރޭޓަރ މާލެ އޭރިއާ" ތަރައްޤީކުރުމަށް މި ސަރުކާރުގެ ތަސައްވުރެއް އެބައޮތްކަމަށާއި، އެގޮތުން އެންމެ ބޮޑު މަޝްރޫޢުއަކަށް ކުރިއަށްގެންދަވާނީ މާލޭ ވިޔަފާރީ ބަނދަރު ގުޅި ފަޅަށް ބަދަލުކުރުމުގެ މަސައްކަތްކަމަށެވެ. ކުރިން އެމަޝްރޫޢު ސަރުކާރުން ހިންގުމަށް ނިންމާފައިވަނީ ތިލަފުށީގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ގުޅިފަޅަށް އެ މަޝްރޫޢު ބަދަލުކުރައްވަން ނިންމެވީ ވަރަށް ގިނަ ދިރާސާތަކަށްފަހުކަމަށެވެ. އެގޮތުން އެމަޝްރޫޢުގެ މާހިރުން ލަފާދީފައިވަނީ މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުން އެންމެ ރަނގަޅީ ތިލަފުށްޓަށްވުރެ ބޮޑަށް ގުޅިފަޅަށްކަމަށެވެ. ތިލަފުށްޓަށްވުރެ ގުޅިފަޅަށް ބަދަލުކުރުން މާރަނގަޅުވާނެކަމަށާ، އެހެންކަމުން އެ ވިސްނުމުގައި އެމަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެޕޯޓް ގުޅީފަޅަށް ބަދަލުކުރެވިގެންދާއިރުގައި މިސަރަޙާއްދަށް ތަރައްޤީގެ ބޮޑެތި ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެން އެކަން ހަޤީގަތަކަށް ހަދާތަން ތިބޭފުޅުންނަށް ފެނިގެންދާނެ. އެ ޕްރޮޖެކްޓްގެ ތަފްސީލްތައް ފައިނަލްވުމާއެކު އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން ތިބޭފުޅުންނާ." ރައީސް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު މާލެއިން ބޭރަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ދިވެހިސަރުކާރަށް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 800 މިލިއަން ޑޮލަރުގެ ދެއްވާފައެވެ. ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް އިންޑިއާއިން ފައިސާ ހަމަޖައްސައިދެއްވާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށްކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި ތޮށްޖެހުމުގެ ސަބަބުން މުދާ ހުސްކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވުމަކީ ވިޔަފާރިވެރިންގެ ޝަކުވާއެކެވެ. އެކަމުގެ ހައްލަކީ ބަނދަރުގެ ޖާގަ ބޮޑުކުރުންކަމަށްވާއިރު، ބަނދަރުގެ ޖާގަ ބޮޑުކުރެވޭނެ އެއްވެސް ގޮތެއް މާލޭގައި ނެތްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެކަމަށް އޮތް ހަމައެކަނި ޙައްލަކީ ބަނދަރު އެހެން ތަނަކަށް ބަދަލުކުރުންކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށް މާލޭ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްއިން ބުނެއެވެ. ކުރިއަށް އޮތް ދެ އަހަރެއް ނުވަތަ ތިން އަހަރެއްހާ ދުވަހުގެތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މަސައްކަތް ފެށިގެންދާނެކަމަށްވެސް އެމްޕީއެލް އިން ކުރިން ބުނެފައިވެއެވެ.