ޚަބަރު

ގަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި


ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި، އެ އިމާރާތް ކުރަމުންދިޔަ އައި.އެން.އެން.އެސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިދިޔަ ފެބްރުއަރީމަހުގެ 18 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހިނގި މި ޙާދިސާގައި މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ. މިކަމާގުޅިގެން އެ އިމާރާތް ހަދަމުންދިޔަ ކުންފުނި 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޙުސެއިން ޝަރީފު ވިދާޅުވީ، މި މައްސަލަގައި އެކުންފުނި ޖޫރިމަނާކުރުމަށް ނިންމާ، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މިއަދު އަންގާފައިވާކަމަށެވެ. އަދި މި ޙާދިސާ ހިނގުމާއެކު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އެކުންފުންޏަށް އަންގާފައިވާކަމަށާއި، ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން އަލުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ. އެކުންފުނީގެ ހުއްދަތައް ބާތިލުކުރާނެކަމަށާއި، ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

މި ޙާދިސާގެ އިތުރުންވެސް، ސަލާމަތީ މިންގަނޑުތައް ފުރިހަމަ ނުކޮށް މަސައްކަތް ކުރިއަށްގެންދާ ސައިޓުތައް މޮނިޓަރކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ހުޅުމާލޭގެ ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލެއް ޖެހި ބިދޭސީއަކު މަރުވި މައްސަލައިގައި 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު މ.ނަލަހިޔާ މަންޒިލްގެ ފަސްވަނަ ބުރިން ސިމެންތި ބަސްތާއެއް ވެއްޓި 9 އަހަރުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައިގައިވެސް، ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތް ކުރަމުންދިޔަ ޑަބްލިއު ކޮންސްޓްރަކްޝަންސްވެސް ވަނީ 5 ލައްކަ ރުފިޔާއިން ޖޫރިނަމާކޮށްފައެވެ.

ފަހަކަށް އައިސް ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ހާދިސާތައް އިތުރުވަމުންދިއުމާއި ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ދަނީ ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން އެފަދަ ސައިޓުތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.