އިނގިރޭސި ގައުމީ ޓީމާއި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑްގެ އަހުލާގީ މައްސަލައެއް ބަލަން ކުލަބުން ތައްޔާރުވެއްޖެއެވެ.
ޕިކްފޯޑުގެ އަހުލާގީ މައްސަލައެއްގޮތުގައި ބަލަނީ މަގުމަތީގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ބަލާ މައްސަލައެކެވެ.
އިނގިރޭސި މީޑިޔާތަކުން ބުނަނީ ވެސްޓްހޭމް އަތުން 2-0އިން މޮޅުވި މެޗަށް ފަހު ޕިކްފޯޑް އޭނާގެ އުފަން ސިޓީ ކަމަށްވާ ސަންޑަލޭންޑްގެ މަގުމަތީގައި މާރާމާރީ ހިންގި މަންޒަރު ފެނިފައިވާކަމަށެވެ. ނަމަވެސް އެއްބަޔަކު ބުނަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ އަކީ މާރާމާރީ ހުއްޓުވަން ޕިކްފޯޑް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.
ނަމަވެސް އަނެއް ބަޔަކު ބުނަނީ އުމުރުން 25 އަހަރުގެ ކީޕަރު އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
ޕިކްފޯޑަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރުވަނަ މަގާމު ހޯދި އިނގިރޭސި ގައުމި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެވެ. އަދި އޭނާއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެންމެ އަގުބޮޑު ކީޕަރުވެސްމެއެވެ.