އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށް މާލެއާއި އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް އެއް އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވިއްކާ ކާޑުގެ ބާވައްތައްކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އަގު ހެޔޮކޮށް، ކާޑުގެ ބާވަތްތައް މާލެއާ އެއްއަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙުގެ މި ވަޢުދުފުޅާ ގުޅިގެން އެމަނިކުފާނު މިއަދު ކުރެއްވި ޓޫވިޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކާޑުގެ ބާވަތްތައް މާލެއެކޭ އެއް އަގެއްގައި ލިބެން ހުންނާނެކަމަށެވެ. އަދި އެމަނިކުފާނުގެ މި ވަޢުދުފުޅު ހަޤީޤަތަކަށް ހެއްދެވުމުގައި އެސް.ޓީ.އޯގެ މެނޭޖްމަންޓާއި ސްޓާފުން ކުރެއްވި މަސައްކަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ވިއްކާ ކާޑުގެ އަގަށް ހަމަހަމަކަން ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެސްޓީއޯ ކާޑު އޭޖެންޓުން މުޅި ރާއްޖޭގައި ކާޑު ވިއްކާނެ އާންމު އަގުތަކެއް އެކުންފުނިން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހަނޑޫ ކިލޯއެއް 4 ރުފިޔާ 80 ލާރިއަށް ވިއްކުމަށް ނިންމާފައިވާއިރު، ހަނޑޫ ބަސްތާއެއް ވިއްކާނީ 240 ރުފިޔާއަށެވެ. ހަކުރު ކިލޯއެއް 4 ރުފިޔާ 82 ލާރިއަށް ވިއްކުމަށް ނިންމާފައިވާއިރު، ހަކުރު ބަސްތާއެއް ވިއްކަން ނިންމާފައިވަނީ 241 ރުފިޔާއަށެވެ. އަދި ގޮދަންފުށް ކިލޯއެއް 3 ރުފިޔާ 80 ލާރިއަށް ވިއްކަން ނިންމާފައިވާއިރު، ފުށް ބަސްތާއެއް ލިބޭނީ 190 ރުފިޔާއަށެވެ.
މާލެއެކޭ އެއް އަގެއްކައި ކާޑުގެ ބާވަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެސްޓީއޯ ކާޑު އެޖެންޓުން ރަށްރަށުގައި ކަނޑައެޅުމުގެ މަސައްކަތް އެކުންފުނިން މާރޗް 26 ގައި ވަނީ ފަށާފައެވެ. އެހެންކަމުން އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް ހަމަޖެހި، ސަޕްލައި ކުރެވިފައިވާ ރަށްރަށުގައި މި އަގުތަކުގައި މިއަދުން ފެށިގެން ކާޑު ގަންނަން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.
އެސްޓީއޯ ކާޑު އެޖެންޓުން މިހާތަނަށް 112 ރަށެއްގައި ހަމަޖެހިފައިވާއިރު، އިތުރު 10 ރަށަކަށް ހޮވިފައިވާ އެޖެންޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އަދި އޭޖެންޓުން ނުލިބޭ 61 ރަށަކަށް އެޖެންޓުން ހޯދުމުގެ މަސައްކަތްވެސް ރަސްމީ އިދާރާތަކާ ގުޅިގެން އެސްޓީއޯއިން ދަނީ ކުރަމުންނެވެ.
މާލެއެކޭ އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އެކި ރަށްރަށަށް ކާޑުގެ ބާވަތްތައް ގެންދިއުމަށް މަޖޫރީންނަށް ދޭންޖެހޭ ފީ އާއި ރަށްރަށަށް ގެންދާ ކާޑުގެ ބާވަތްތަކުގެ ނާލަށް ވާ ފައިސާގެ ކަންކަން ހަމަޖައްސާނީ އެސްޓީއޯއިން ކަމަށް އެކުންފުނިން ބުނެއެވެ.