ޚަބަރު

ގްރިއެޒްމަންއާއި ހެދި ބާސެލޯނާގެ އެތެރޭގެ ކޯޅުން ބޮޑުވެއްޖެ


އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން ގަތުމާމެދު ބާސެލޯނާގެ އެތެރޭގެ ކޯޅުން ބޮޑުވެއްޖެއެވެ.

ގްރިއެޒްމަންއަކީ ބާސެލޯނާއިން މި ސީޒަނަށް ގަތުމަށް ވަރަށް ބޭނުންވި ކުޅުންތެރިއެކެވެ. 100 މިލިއަން ޕައުންޑަށް އޭނާ ގަތުމަށް މަޝްވަރާކުރެވި ކުޅުންތެރިޔާއާއެކު އަނގަބަހުން އެއްބަސްވުމަށްފަހު އެކަން ނުވީ ގްރިއެޒްމަން ފަހު ވަގުތު މޫނު އަނބުރާލުމުންނެވެ. ނަމަވެސް އެތްލެޓިކޯގައި ކާމިޔާބު ނުލިބޭތީވެ އޭނާ މިހާރު ހުރީ އަނެއްކާ ވެސް ކުލަބު ބަދަލު ކުރާ ގޮތަށެވެ.

ބާސެލޯނާގެ ޓެކްނިކަލް ޑިޕާޓްމަންޓުން ގަބޫލުކުރާ ގޮތުގައި ޓީމަށް މިހާރު ގްރިއެޒްމަން ބޭނުމެއްނުވެއެވެ. ނަމަވެސް ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ހުރީ ގްރިއެޒްމަން ގަތުމަށް ބޭނުންވެފައެވެ.

މި ބަހުސްގައި ބާސެލޯނާގެ މެނޭޖްމަންޓުގެ އެއް ބަޔަކު ބުނަނީ ލުއިސް ސުއަރޭޒްގެ ބަދަލުގައި އެ މަގާމަށް ވެސް ގްރިއެޒްމަން ބޭނުން ކުރެވޭނެކަމަށެވެ. އަނެއް ބަޔަކު މިކަން ގަބޫލެއްނުކުރެއެވެ.

އަނެއް މައްސަލައަކީ އޭނާގެ މުސާރަ ބޮޑުވުމާއި އެތްލެޓިކޯ އަށް ދޭން ޖެހޭ އަދަދު ބޮޑުވުމެވެ. ފްރާންސަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ގަތުމަށް 120 މިލިއަން ޕައުންޑް ދައްކަން ޖެހެއެވެ. މިއަދަދަށް ބާސެލޯނާ އަށް ސްޕެނިޝް އެފްއޭގައި މިހާރު ފައިސާ ބެހެއްޓޭކަށް ނެތެވެ. މިހެންވެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކުޅުންތެރިންތަކެއް ވިއްކާލުންކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ