ޚަބަރު

މެސީގެ ގަދަ ފަހަކުން ރޮނާލްޑޯ އަށް ޖާގައެއްނެތް


އާޖެންޓީނާ އާއި ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީ ނެގި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދަކަށް ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި ދޫކޮށްލައިފިއެވެ.

މެސީ އާއި ރޮނާލްޑޯ އަކީ ފަސް ފަހަރު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމައެކަނި ދެ ކުޅުންތެރިންނެވެ. އަދި މިވަގުތު ދުނިޔޭގައި ތިބި އެންމެ ވާދަވެރި ދެ ކުޅުންތެރިންވެސްމެއެވެ.

މެސީ އަށް ފަސް ކުޅުންތެރިންގެ ނަގަން ޖެހުނީ އެކުގައި ކުޅުނު ތިން ކުޅުންތެރިއަކާއި ބޭނުން ދެ ކުޅުންތެރިއަކު ހިމަނައިގެންނެވެ. މި ގޮތުން އޭނާ ނެގި ފަސް ކުޅުންތެރިންނަކީ ބާސެލޯނާ އާއި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އާއި ޕީއެސްޖީ އާއި ބްރެޒިލް ފޯވަޑް ނޭމާ އާއި މެންޗެސްޓާ ސިޓީ އާއި އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއެރޯ އާއި ޕީއެސްޖީ އާއި ފްރާންސްގެ ޒުވާން ފޯވަޑް ކޭލިއަމް އެމްބާޕޭ އާއި ޗެލްސީ އަށް ކުޅޭ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑްއެވެ.

މީގެ ތެރެއިން ސުއަރޭޒް އާއި ނޭމާ އަކީ މެސީއާއެކު ބާސެލޯނާ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ. އަދި އަގުއެރޯ އަކީ ގައުމީ ޓީމުގައި މެސީގެ ޕާޓްނަރެކެވެ.

ރޮނާލްޑޯ ނުހިމަނައި ދޫކޮށްލި ނަމަވެސް މެސީ ބުނީ ރޮނާލްޑޯ އަކީ އޭނާ ފަދަ މޮޅު ކުޅުންތެރިއެއް ކަމަށާއި މިހެންވެ ރޮނާލްޑޯ ބަހައްޓާނީ އޭނާއާ އެކުގައި ކަމަށެވެ. އަދި ސްޕެނިޝް ލީގުގެ ޝަރަފާއި ވާދަވެރި ކަމަށް ރޮނާލްޑޯ އެލީގުގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.