ތިލަފުށީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ތިލަފުށީ ކޯޕަރޭޝަންގެ ވެރިންނާއެކު ފުލުހުން މަޝްވަރާ ކޮށްފިއެވެ.މި މަޝްވަރާއަކީ ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުން އިސްނަގައިގެން ބޭއްވި ބައްދަލުވުމެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި ބައްދަލުވުމުގައި ތިލަފުށީގައި ސިނާޢީ މަސައްކަތްތައް ކުރިޔަށްދާއިރު ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ތިލަފުށީގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި މިމަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދިޔަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.މީގެ އިތުރުން އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ފުލުހުންގެ ޚިދުމަތް ދާއިމީ ގޮތެއްގައި ލިބޭނެގޮތް ހަމަޖައްސާ، އުކުޅަހުގައި ފުލުހުންގެ މަރުކަޒެއް ޤާއިމް ކުރުމާބެހޭގޮތުން އުކުޅަހު ކައުންސިލުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާވެސް ވަނީ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.އިއްޔެ ކުރިއަށްގެންދިޔަ މި ބައްދަލްވުމުގައި އުކުޅަހު ކައުންސިލްގެ ރައީސްވަނީ އުކުޅަހުގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކޮށްދިނުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވާ އުކުޅަހުގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތައް ސީ ޕީ ހުސެން ވަހީދާ ހިއްސާކުރައްވާފައެވެ. އަދި އުކުޅަހުގައި ލޯކަލް ޓޫރިޒމް ފުޅާވަމުން އަންނަކަން ފާހަގަ ކުރައްވައި ފަތުރުވެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމުގެ މުހިއްމުކަމުގެ މައްޗަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.