ޚަބަރު

އަންހެނުނަށް މަޖިލީހުން ފުރުސަތުދިނުމަށް، ޕާޓީތަކުގެ އެއްބާރުލުން ބޭނުންވޭ - ޝިދާތާ


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރާއި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް، އީޔޫގެ އިލެކްޝަން އެކްސްޕަރޓް މިޝަންއާއި ޙިއްސާކުރައްވައިފިއެވެ.
(އީޔޫ)ގެ އިލެކްޝަން އެކްސްޕަރޓް މިޝަނާއި ޖެންޑަރ މިނިސްޓަރ ބައްދަލުކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލހުގައި އަންހެނުން ތަމްސީލްކުރާ މިންވަރު ވަރަށް މަދުކަމާއި، މިނިސްބަތް އިތުރުވަމުންވެސް ނުދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި 2019ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ އަންހެނުންގެ ޢަދަދު މަދުކަމާއި، މިއަހަރުވެސް މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރުވުމަށް އޮތްފުރުސަތު ކުޑަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ފަރަގު ނައްތާލައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު މިހާރަށް ވުރެ ބޮޑަށް އިތުރުކުރަން ޖެހޭކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝިދާތާ ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ މިންވަރާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް، ޤާނޫނުހަދާ މަޖިލީހުގައި ވަކި ޢަދަދަކަށް އަންހެނުންނަށް ގޮނޑި ކަނޑައެޅުން ނުވަތަ އެފަރމޭޓިވް އެކްޝަންގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވާފައެވެ.

އަދި ޤާނުނުގައި އަންހެނުންނަށް ގިނަ ފުރުސަތުތައް އޮތްކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މިކަންކަން މިގޮތަށް ތަންފީޒްވަމުން ނުދާކަން މިނިސްޓަރވަނީ އީޔޫގެ އިލެކްޝަން އެކްސްޕަރޓް މިޝަންއާ ޙިއްސާކުރައްވާފައެވެ. އަދި ސިޔާސީ ގޮތުންނާއި އިގްތިޞާދީ ގޮތުންހުރި ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްވެސް މިނިސްޓަރވަނީ ޙިއްސާކުރައްވާފައެވެ.