އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ތިމާވެއްޓަށްލިބޭ ގެއްލުން ކުޑަކުރުމަށް ހޭލުންތެރިކުރުމުގެގޮތުން ބާއްވާ "އަރތު އަވަރ" އަންނަ ހޮނިހިރުދުވަހުގެ 08.30 އިން 09.30އަށް ކުރިއަށްގެންދާނެކަމަށް އަރތް އަވަރ މޯލްޑިވްސްއިން ބުނެފިއެވެ.
އަރތް އަވަރ ފާހަގަކުރާ ވަގުތުގައި، މިކަމަށް ތަރްޙީބު ދިނުމުގެގޮތުން ގޭގޭގައި، ކަރަންޓުން ބޭނުންކުރާ ވަސީލަތްތައް ވީހާވެސް މަދުން ބޭނުންކުރުމަކީ "އަރތު އަވަރ" ޓީމާއި، އެންވާރަމެންޓް މިނިސްޓްރީގެ ވަރަށް ބޮޑު އިލްތިމާސެކެވެ.
މިއަހަރުގެ ޙަރަކާތާގުޅޭ މަޢުލޫމާތު ޙިއްސާކުރަމުން އަރތު އަވަރ މޯލްޑިވްސްގެ އެޑްވޮކޭޓް މައީދް މުޙައްމަދު ޒާހިރު ވިދާޅުވީ ތިމާވެއްޓަށްލިބޭ ގެއްލުންތަކަށް ޢާއްމުން ހޭލުންތެރިކުރުމަށް ގިނަ ޙަރަކާތްތަކެއް ރާވާފައިވާކަމަށެވެ. އެގޮތުން މިކަމަށް ސްކޫލްކުދިން އަހުލުވެރިކުރުމަށް ޚާއްސަ އެސެމްބްލީއެއް ކުރިއަށްގެންދިއުމާއި، މިކަން ރަމްޒުކޮށްދީ މެސެޖުތައް ދިނުމަށް މާލޭގެ 2 ސަރަޙައްދެއްގައި ތަސްވީރުތަކެއް ކުރެހުމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކްލައިމެޓް މަރޗްގެ ނަމުގައި ހުކުރު ދުވަހު ހަވީރު ހިންގާލުމެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
"ރަސްމީ އިވެންޓް އޮންނާނީ ކުޅުދުއްފުށީގައި، އެރޭ 8-10އަކަށް. އަދި މާލޭ ދުވާ ޓްރެކް ސަރަޙައްދުގައި ވެސް މި ހަރަކާތް ކުރިއަށްދާނެ، ހަރަކާތްތައް ކުރިއަށްދާނީ ވީހާވެސް މަދުން ކަރަންޓު ބޭނުންކޮށްގެން" މައީދް ވިދާޅުވިއެވެ.
މިކަމާގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަސީރު ވިދާޅުވީ، މިއީ ތިމާވެށީގެ މައްސަލަތަކަށް އެޑްރެސްކުރަންލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ.
"އަރތް އަވަރ މި ފާހަގަކުރަނީ ސްވިޗެއް ނިއްވާލައިގެން. އެކަމަކު މިއީ އެއަރވުރެ މާބޮޑު މައްސަލައެއް. ކަރަންޓު މަދުން ބޭނުންކުރުމަކީ ދާއިމީ ކަމަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ". ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ހުކުރު ދުވަހު ހެނދުނު މާލެތެރެ ސާފު ކުރުމުގެ ޕްރޮގްރާމަކާއި، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ފޮތިން ދަބަސް ފެހުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރަކީ ރާއްޖޭގައި އަރތް އަވަރ ފާހަގަކުރާ 10ވަނަ އަހަރުއެވެެ. މި ޙަރަކާތް ރާއްޖޭގެ ހުރިހާ ރަށާކާއި ރިސޯޓްތަކުގައިވެސް ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ.