މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުލަބު ސަބްސިޑީގެ ގޮތުގައި ކުލަބުތަކަށް 30.8 މިލިއަން ރުފިޔާ ދިނުމަށް އެފްއޭއެމުން ނިންމައިފިއެވެ.
އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި އަހަރުގެ ބަޖެޓު ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ ކުލަބެއްގެ ތާއީދާއިއެކުއެވެ. ހަތަރު މިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކުލަބުތަކުން ފާސްކުރިއިރު، އެފްއޭއެމުން މިއަހަރު އެންމެ ބޮޑު ހޭދައެއްކުރަން ހަމަޖެހިފައިވަނީ ކުލަބުތަކަށެވެ. މިގޮތުން ކުލަބު ސަބްސިޑީގެ ގޮތުގައި 30.8 މިލިއަން ރުފިޔާ ހޭދަކުރަން އެފްއޭއެމުންވަނީ ނިންމާފައެވެ. އަދި މި ފައިސާ ލިބޭނެކަމަށް އެފްއޭއެމުން ލަފާކޮށްފައިވަނީ ޑިވޮލޮޕްމަންޓް ސްޕޮންސަރުން މެދުވެރިކޮށެވެ.
އެހެންނަމަވެސް ޑޮވެލޮޕްމަންޓް ސްޕޮންސަރުންނަކީ ކޮން ބައެއްކަން ބަޖެޓް ރިޕޯޓުގައި އެފްއޭއެމުން ހިމަނާފައެއް ނުވެއެވެ. ބަޖެޓު ރިޕޯޓުގައި ތަފްސީލްތައް ހިމަނާފައިނެތުމުން ވިކްޓްރީން އޭގެ ތަފްސީލަށް އެހުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޑިވޮލޮޕްމަންޓް ސްޕޮންސަރުންނަކީ ބޭރު ޤައުމުތަކުގެ ކުންފުނިތަކުން ލިބޭ ސްޕޮންސަރުން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ދޭ ހިލޭ އެހީއާއި، އެކި ޤައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ދޭ އެހީވެސް މީގައި ހިމަނާފައިވަނެކަމަށް ބައްސާމް ވިދާޅުވިއެވެ.
ރާއްޖޭގެ ކުލަބުތައް ހަރުދަނާ ކުރުމަށްޓަކައި އިތުރު އެހީތައް މިއަހަރު އެފްއޭއެމުން ދޭން ނިންމާފައިވާއިރު، ކުލަބުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ ވަސީލަތްތައްވެސް ގާއިމްކުރުމަށް އެފްއޭއެމުން އެހީތެރިވެދޭނެކަމަށް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.