ގދ.ތިނަދޫ ތޭންކު، ޒިޔާދާ ނަޢީމް މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޙުކުމްކޮށްފައިވަނީ ދައުލަތުން ހުށައެޅި ހެކިތަކަށް ރިއާޢަތްނުކޮށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ޒިޔާދާ ނަޢީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ، އެރަށު ޖަވާހިރުމާގޭދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދަޢުވާއެއް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ދައުލަތުން ޝަހުގެ މައްޗަށް އުފުލާފައިވަނީ ޒިޔާދާ ނަޢީމްއާމެދު ގަދަކަމުން ޖިންސީ އަނިޔާކުރުމުގެ ސަބަބުން ނިޔާވި މައްސަލާގައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދަޢުވާތަކަކީ، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށުގެ ދަޢުވާއާއި، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، މީހަކު މަރުވެދިއުމުގެ އިހުމާލު ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށްފަހު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލަ ސާބިތުކުރުމަށް ބުރަދަން ދެވޭނެ ހެކިތައް ބަޔާންކޮށްފައިވީއިރު، ޒިޔާދު ނަޢީމް އައި.ޖީ.އެމް.އެޗް ގައި އެޑްމިޓްކޮށް، ފަރުވާދެމުންގޮސް ޒިޔާދާ ނަޢީމް ނިޔާވުމާ ހަމައަށް ޒިޔާދާ އެވާހަކަތައް ކިޔައިދީފައިވާ އެކި ފަރާތްތަކުގެ އިތުރުން، އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށް ނެގި ހެކިބަހަށް ކޯޓުން ރިޢާތްކޮށްފައިނުވާކަމަށެވެ.
އަދި މެޑިކަލް ލިޔުންތަކަށާއި، ޒިޔާދާ ނަޢީމް އެހާދިސާއާ ގުޅޭ މަޢުލޫމާތު އެކިފަރާތްތަކާ ފޯނުން ޙިއްސާކޮށްފައިވާތީ، ފުލުހުން އެކުލަވާލި މޯބައިލް ފޮރެންސިކް ރިޕޯޓަށާއި، އިބްރާހީމް ޝާހު ކުށުގެ ޢަމަލު ހިންގީ ޒިޔާދާ ނަޢީމްގެ ނުރުހުމުގައިކަމަށް ޒިޔާދާ ހެކިން ގާތު ބުނެފައިވާ ބުނުމަށްވެސް ރިޔާޢަތްކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި ކްރިމިނަލް ކޯޓުން ރިޔާއަތްނުކުރާކަމަށް ބުނެ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމަށް ނުފެންނާތީ، އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ހަތަރު ދަޢުވާއާ ގުޅިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ނިންމާފައިވާކަމަށް ޕީޖީން ނެރުނު ބަޔާނުގައިވެއެވެ.