މޯލްޑިވްސް އިންވެސްޓްމަންޓް އޮޕަޗިއުނިޓީ ގައިޑްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް އޮޕަޗިއުނިޓީ ގައިޑް އަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކުގައި އިންވެސްޓްކުރަން ހުރި ފުރުސަތުތައް އަންގައިދޭ ޕްލެޓްފޯމެކެވެ. މި ލިސްޓްގައި ޕްރައިވެޓް އަދި ޕަބްލިކް ކުންފުނިތަކުގެ އިންވެސްޓްމަންޓް ފުރުސަތުތައް ހިމެނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމަށްޓަކައި އެކަމަށް ޙާއްސަކޮށްފައިވާ ފޯމެއް ފުރުމަށްފަހު އޮންލައިންކޮށް ފޮނުވޭނެއެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް އޮޕަޗިއުނިޓީ ގައިޑްއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފައިނޭންސް އިންޑަސްޓްރީ އާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ލިސްޓުގައި ހިމަނާނީ ރަޖިސްޓްރީކުރާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތައްކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.
މި ލިސްޓަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މި ލިސްޓް މޭ މަހުގެ ތެރޭގައި ޕަބްލިޝް ކުރާނެއެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް އޮޕަޗިއުނިޓީ ގައިޑްގައި ލިސްޓްކުރާ ކުންފުނިތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ. މި ލިސްޓް އޮންލައިންކޮށް އާންމުކުރާއިރު ބޭރުގެ ފެއަރތަކުގައިވެސް މީގެ ކޮޕީތައް ބަހާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް އޮޕަޗިއުނިޓީ ގައިޑް ލޯންޗުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އޮތް މިއަހަރުގެ ގޯލްޑް 100 ގާލާގެ ތެރެއިންނެވެ.