ސްޕޭނުގެ މީޑިޔާތަކުން މަސައްކަތް ކުރަނީ އޭނާގެ ކެރިއަރު ހަލާކުކޮށްލަން ކަމަށް ރެއާލް މެޑްރިޑާއި ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ ބުނެފިއެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކީޕަރުގެ މަގާމު ހޯދި ކޯޓުއާ މިހެން ބުނީ ރަޝިޔާ އަތުލް ބެލްޖިއަމް ޔޫރޯ ކޮލިފައިންގައި 3-1އިން މޮޅުވި މެޗަށްފަހުއެވެ. ކޯޓުއާ ރުޅީ އައީ މެޗުގައި އޭނާއަށް ހެދުނު ގޯހަކުން ގޯލު ޖެހި ވާހަކަ މީޑިޔާތަކުގައި ބޮޑުކޮށްލުމުންނެވެ.
ކޯޓުއާ ބުނީ ސްޕޭނުގެ މީޑިޔާތަކުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކީޕަރު ކަމަށެވެ. އަދި އޭނާ ކުޅެމުންދަނީ މީޑިޔާތަކުން ދައްކާ ވާހަކަ އަށް ނުވިސްނައި ވަރަށް ސާބިތުކަންމަތީ ހުރެ ކަމަށެވެ.
ކޯޓުއާ ބުނީ ރަޝިޔާ މެޗުގައި އޭނާ އަށް މިސްޓޭކް ހެދުނު ކަމަށާއި ނަމަވެސް ޗެރީޝޭވް ޖެހި ބޯޅަ އޭނާ އަށް ފެނުނީ މާ ފަހުން ކަމަށެވެ. އަދި ކީޕަރުން އަތުން ވެސް ގޯސް ހެދޭނެ ކަމަށާއި އެކަން ގަބޫލު ކުރަންޖެހޭނެ ކަމަށެވެ.
ކޯޓުއާ މިހެން ބުނެފައިވަނީ ރެއާލް މެޑްރިޑުގެ އެއްވަނަ ކީޕަރުކަން އޭނާ އަށް ގެއްލިއްޖެކަމަށް ވާހަކަ ދެކެވެން ފަށާފައިވަނިކޮށެވެ. ޗެލްސީ ދޫކޮށް މިސީޒަނުގައި ރެއާލް އަށް ބަދަލުވި ކޯޓުއާގެ ބަދަލުގައި އާ ކޯޗު ޒައިނުއްދީން ޒިދާން ފުރުސަތު ދީފައިވަނީ ކުރީގެ އެއްވަނަ ކީޕަރު ކޭލާ ނަވާސް އަށެވެ.
އޭނާ އަކީ ޒިދާންގެ ކޯޗުކަމުގައި ރެއާލް ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދިއިރުވެސް އެޓީމްގެ ކީޕަރެވެ. މިހެންވެ ޒިދާންގެ ތާއީދު ކޯޓުއާ އަށް ނެތް ކަމަށް ދެކެވޭ ވާހަކަތައްވަނީ ގިނަވާން ފަށާފައެވެ.