ޚަބަރު

އެސްޕަނިޔޯލް މެޗަށް މެސީ ފިޓްވާނެ - ބާސެލޯނާ


އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވެ ކެޕްޓަން ލަޔޮނަލް މެސީ އަންނަ ހަފުތާގައި އެސްޕަނިޔޯލާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗަށް ފިޓްވާނެ ކަމަށް އޭނާގެ ކުލަބުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު މެސީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ވެނެޒުއޭލާ އަތުން 3-1އިންނެވެ. މި މެޗުގައި މެސީ ރަނގަޅު ކުޅުމެއް ދެއްކި. ނަމަވެސް މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އަންގާރަ ދުވަހުގެ ރޭ މޮރޮކޯއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގެ ކުރިން މެސީ މިހާރު ވަނީ ގައުމީ ޓީމާ ވަކިވެފައެވެ.

އާޖެންޓިނާއިން ބުނީ މެސީ އަށް އަނިޔާވެފައިވާތީވެ އަރާމު ކުރަން ވަގުތު ބޭނުންވާތީވެ ބާސެލޯނާ އަށް މެސީ ގޮސްފައިވާ ކަމަށެވެ. ނަމަވެސް ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާ އަށް އައުމުން މެސީގެ އެއްވެސް ޓެސްޓެއް ބާސެލޯނާއިން ހަދާފައިނުވެއެވެ.

އެކުލަބުން ބުނީ މެސީގެ އަނިޔާއާމެދު ކަންބޮޑުނުވާ ކަމަށާއި އެސްޕަނިޔޯލް މެޗުގައި މެސީ ކުޅޭނެ ކަމަށެވެ. އަދި އޭނާ އަށް ލިބިފައިވާ އަނިޔާ ރަނގަޅު ކުރުމަށް ފަރުވާ ކުރަމުންދާ ކަމަށެވެ.