ސިޔާސީ

އިންޑިއާ އެމްބަސީ އެޅުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިދެނީ


ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ޢިމާރާތް އެޅުމަށް ދިވެހި ސަރުކާރުން ހުޅުމާލެއިން ބިމެއް ހަމަޖައްސައިދޭން ނިންމައިފިއެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ވަޑައިގެން ދެޤައުމުން ކުރެއްވި ރަސްމީ މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ އިންޑިއާ އެމްބަސީ އެޅުމަށް ދިވެހި ސަރުކާރުން ބިމެއް ހުޅުމާލެއިން ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށް. އިންޑިއާ ސަރުކާރުން ވަނީ އެކަމަށްޓަކައި ދިވެހި ސަރުކާރަށް މަރުހަބާ ދަންނަވާފައެވެ.

އިންޑިއާ އެމްބަސީ އެޅުމަށް މީގެ ކުރިންވެސް މާލެއިން ބިމެއް ހަމަޖައްސައިދީފައިވޭ. އެއީ ސޯސަންމަގު އެގްރިކަލްޗަރ ނާސަރީ ހުރި ބިމެވެ. ނަމަވެސް އެތަނުގައި ޢިމާރާތް އަޅާފައެއްނުވޭ. އިންޑިއާ އެމްބަސީ ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ހުޅުމާލެއިން ބިމެއް ހަމަޖައްސައިދިނުމަށް ނިންމާފައިމިވަނީ މާލޭގައި އިތުރު އުސް ޢިމާރާތްތަކެއް ޤާއިމްނުކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާއި ގުޅިގެންނެވެ.

މިހާރު ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ހިންގަމުން އަންނަނީ އަމީރުއަޙްމަދު މަގުގައި ހުންނަ ހެންވޭރު އަތިރީގޭގައެވެ.