ޚަބަރު

ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި


ވުލްވްސް އަތުން ބަލިވެ އެފްއޭ ކަޕުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފިއެވެ.

އެފްއޭ ކަޕްގެ ކުއާޓާރ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާއި ވުލްވްސް ވާދަކުރި މެޗުން ޔުނައިޓެޑް ބަލިވީ ދޭއް އެކަކުންނެވެ.

މެޗުގެ ތިން ގޯލްވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ހަތްދިހަވަނަ މިނެޓުގައި ވުލްވްސްއަށް ޖަހައިދިނީ ރައުލް ހިމެނޭޒްއެވެ. އޭގެ ހަ މިނެޓު ފަހުން ދެވަނަ ގޯލް ޖަހައިދިނީ ޑިއޯގޯ ޖޯޓާއެވެ. މި ލަނޑާއިއެކު މެންޗެސްޓަރ ޔުނައިޓެޑް ކުރިއަށް ޖެހިލައިން ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރިއެވެ.

އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްލެވުނީ އިތުރުވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. މި ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ.

ރޭގެ ބައްޔަކީ 2018ގެ ޑިސެމްބަރު މަހުގެ ފަހުން ޖެހިޖެހިގެން ދެ މެޗުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. ކޯޗު ޝޮލްޝަޔާގެ އިރުޝާދުގެ ދަށުން އޭޓިމް ބަލިވި ދެވަނަ ފަހަރަށް ވުމުން ކޯޗުވަނީ އެކަމާއި މާޔޫސްކަން ފާޅުކޮށްފައެވެ.

އެފްއޭކަޕްގެ ކުއާޓަރ ފައިނަލްގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ވަޓްފޯޑްވެސްވަނީ ސެމީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ. އެ މެޗު ވަޓްފޯޑުން ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.