ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ، އޭ ތްރީ އެއިޓީ މަރުކައިގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މާފަރު އެއަރޕޯޓު ތަރައްޤީކޮށް ނިމޭއިރު، އެތަން ވެގެންދާނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގައި ތަރައްޤީކުރާ އެންމެ ފުރިހަމަ އެއަރޕޯޓަށް ކަމަށެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މާފަރު އެއަރޕޯޓުގެ މަސައްކަތް ކުރަމުންދާ ފަރާތުން އެ އެއަރޕޯޓުގެ ޖާގަ އިތުރުކުރުމުގެ ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި އެކަން ކުރުމަށް ދިވެހި ސަރުކާރުންވެސް އެއްބަސްވާން ތައްޔާރަށް އޮތްކަމަށާއި، ނަމަވެސް ޖާގަ އިތުރުކުރެވެން އޮތީ، އެއަރޕޯޓު ހިމެނޭ ސަރަޙައްދާއި ކައިރީގައި ހުރި ބައެއް ގެތައް ނަގައިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ، މާފަރު އެއަރޕޯޓުގައި މިހާރު އޮތް ރަންވޭއަށް އެއް ހާސް މީޓަރު އިތުރުކޮށް، އޭ ތްރީ އެއިޓީ މަރުކައިގެ ބޯޓު ޖެއްސޭ ފެންވަރަށް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރ ބޭނުންވާކަމަށެވެ. އަދި އެއަރޕޯޓާއި ކައިރީގައި ހުރި ބައެއް ގެތައް ނަގާނީ، އެފަރާތްތަކަށް ރަނގަޅު އަގަކާއި ގެދޮރާވެސް އެކީގައިކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
"އެއަރޕޯޓުގެ މަސައްކަތް ކުރާ ފަރާތުން ބޭނުންވަނީ އެއަރޕޯޓު މިހާރަށްވުރެ ބޮޑުކުރަން.. މިހާރު އެއަރޕޯޓުގެ ރަންވޭގެ ދިގުމިނަކީ 2200 މީޓަރު. އަދި އެބަ ބޭނުންވޭ އެބޭފުޅުން 1000 މީޓަރު އިތުރުކޮށް އެތަނަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 ގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް ބަދަލުކުރަން.. އަޅުގަނޑުމެން މިތިބީ އެކަން ކުރުމަށް އެއްބަސްވުމަށް ތައްޔާރަށް.." ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ، މާފަރު އެއަރޕޯޓު ތަރައްޤީކުރުމަށްޓަކާ ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް ވެރިކަން ބަދަލުވުމާއި ހަމައަށްވެސް ކޮށްދީފައިނުވާކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގައި ކޮންޓްރެކްޓަރަށް ފަޅު ރަށްތަކެއް ދޭންޖެހޭނެކަމަށް ބުނެފައިވީނަމަވެސް، ކުރީގެ ސަރުކާރުން ދޭން ނިންމާފައިވާ 2 ފަޅުރަށަކީ މިހާރުވެސް ބަޔަކަށް ކުއްޔަށް ދީފައިވާ 2 ފަޅު ރަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެއްބަސްވުމުގައި ސަރުކާރުން ކޮށްދޭންޖެހޭކަމަށް ބުނެފައިވާ ކަންކަން ކޮށްދިނުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ހަދިޔާކުރި ފަސް ދޮޅަސް މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު އަޅާފައިވަނީ ދެހާސް ދުއިސައްތަ މީޓަރު ދިގު، އަދި ސާޅީސް މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ މަސައްކަތް ނިންމާ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި މާފަރު އެއަރޕޯޓަށް ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ. އަދި އިންޓަރނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ. މާފަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މިދިޔަ އަހަރުގެ ފަހުކޮޅު ފެށޭވަރުވާނެކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް، މިއަދާއި ހަމައަށްވެސް މާފަރު އެއަރޕޯޓު އާއްމު ދަތުރުތަކަށް ހުޅުވާލާފައެއްނުވެއެވެ.