ޚަބަރު

ޕްރޮކިއުމެންޓުން ގެއްލޭ ފައިސާ ސަލާމަތްކުރެވިއްޖެނަމަ ދައުލަތުގެ ޚަރަދު %30 ކުޑަކުރެވޭނެ - ރައީސް


ޕްރޮކިއުމެންޓުން ނުވަތަ ދައުލަތަށް ގަންނަ މުދަލަށް ކުރާ ޚަރަދަކީ ނަޒާހަތްތެރިކަމާއިއެކު ކުރެވޭ އެއްޗަކަށް ވެއްޖެނަމަ ދައުލަތުގެ ޚަރަދު 20 އިންސައްތައާއި 30 އިންސައްތައާއި ދެމެދުގެ މިނަކަށް ކުޑަކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނ.ވެލިދޫގައި ބޭއްވި އެމްޑީޕީގެ ކޭމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް އިތުރު ބުރަތަކެއް އުފުލުވުމަށް ޓެކްސްތަކެއް އިތުރުކުރާނެ ސަރުކާރެއް ނޫންކަމަށެވެ.

އޭގެބަދަލުގައި މިސަރުކާރުން ވެފައިވާ ވަޢުދުތަށް ފުއްދުމައްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި، ޤައުމު ހިންގުމުގެ ބާރުތަކުގައި ތިބީ ނަޒާހަތްތެރި ޤައުމަށް އިޚްލާސްތެރި ބަޔަކަށް ވާންޖެހޭކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ދައުލަތަށް ގަންނަ މުދަލަށްކުރާ ޚަރަދަށް މިހާތަނަށް އައިއިރުވެސް ތަންތަނުގެ އިސްވެރިން ބޮޑެތި ޚިޔާނާތްތަށް ވަމުންއަންނަކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، މިކަމަކީ މިހާރުން މިހާރަށް ހުއްޓުވަންޖެހޭކަމެއްކަމަށާ މިކަން ހުއްޓުވައިގެން މެނުވީ ޤައުމަށް އެދެވޭ ތަރައްޤީއެއް ނާންނާނެކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ޕްރޮކިއުމެންޓަށް ކުރާ ޚަރަދުން މިހާރު ގެއްލޭ ފައިސާ ސަލާމަތްކޮށް އާސަންދަފަދަ ޚިދުމަތްތައް ފުޅާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރި ނުވާނެ މީހުން ޤައުމުގައި ތިބުން ވަރަށްވެސް މުހިންމު. ހަމައެކަނި ޕްރޮކިއުމަންޓުން ދައުލަތަށް ގަންނަ މުދަލުން އެ ރަނގަޅަށް ބެލެހެއްޓިއްޖެކަމަށްވަންޏާ ދައުލަތުން ހޭދަކުރާ ފައިސާގެ %20 ނޫނިއްޔާ %30 ފައިދާގެ ގޮތުގައި ރައްކާކުރެވޭ. މިއީ އަޅުގަނޑު މިދަންނަވާ އާސަންދަ ފުޅާކުރުމަށް ލިބޭ ފައިސާ. އެއްވެސް ހަލަތެއްގައި އަޅުގަނޑު މިދަންނަވަނީ ޓެކްސް އިތުރުކުރާ ވާހަކައެއްނޫން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޞާލިޙްވަނީ، ނ.ވެލިދޫ ދާއިރާގެ ރަށްތަކުގައި ކުރިއަށް އޮތް އަހަރުދުވަހުގެތެރޭގައި ފަށްޓަވާނެ މަޝްރޫޢުތައް ހާމަކުރައްވާފައެވެ. އެގޮތުން ނ.ފޮއްދޫއާއި ޅޮހީގައި ފެނާއި ނަރުދަމާގެ ނިޒާމު މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން، ނ.ވެލިދޫގައިހުރި ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑްކޮށް އެރަށުގައި ބޭންކިންގެ ޚިދުމަތްތަށް ފުޅާކޮށް، އެ ރަށު ފުޓްބޯޅަ ދަނޑު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާނެކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ޞާލިޙްވަނީ ދެއްވާފައެވެ. އަދި މީގެއިތުރުން، އެރަށުގެ ނަރުދަމާގެ ނިޒާމާ ގޭގޭގެ ނަރުދަމާ ހޮޅިތައް މިއަހަރުގެ ތެރޭގައި ހިލޭ ގުޅާއިދޭނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.