ޚަބަރު

ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު 3 މީހުންގެ ބަންދަށް 15 ދުވަސް


ގެއްލިގެން ހޯދަމުންދާ ޢުމުރުން 19 އަހަރުގެ ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ފިލަންއުޅުނުކަމަށް ތުހުމަތުކުރާ ތިން މީހުންގެ ބަންދަށް ފަނަ ދުވަސްޖަހައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހަވީރު ހަތަރެއް ޖެހިއިރު ލ.މާމެންދޫ އިން 16 އަހަރުގެ ކުއްޖަކު ގޮވައިގެން 3 މީހަކު ޑިންގީއެއްގައި ދަނިކޮށް އެ އަތޮޅު ސިކްސް ސެންސަސް ރިސޯޓް ކައިރިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، 22 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނެއްކަމަށެވެ. އެތިން މީހުންގެ ބަންދުގެ މުއްދަތަށް ކޮންމެ މީހަކަށް ފަނަރަ ދުވަސް ދީފައިވާކަމަށެވެ.

ޝިމާގެ ޢާއިލާއިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިންމީހުން ހައްޔަރުކުރިއިރު ތިބީ މޫނު ނިވާކޮށްގެންކަމަށާ ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނީ ރަށަށް ޑިންގީއެއް ކައިރިކުރުމަށްފަހު އެއަށް އަރުވައިގެންކަމަށެވެ.

ޝިމާގެ ކޮއްކޮ ގޮވައިގެން އެމީހުން ދާން އުޅުނީ ސީދާ ކޮންތަނަކަށްކަމެއް އަދި މިކަމާއި ޝިމާ ގެއްލުމުގެ ޙާދިސާއާއި ސީދާ ގުޅުމެއްވާކެމެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.

ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ޑިންގީއެއްގައި ދަތުކުރަމުންދަނިކޮށް ޑިންގީ ބަންޑުން ޖަހާލާ، އޭގެން ދަތުރުކުރި އުމުރުން 19 އަހަރުގެ ޝިމާ ފާއިޒް ގެއްލިފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ. އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ކުރާތާ 2 ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް އައިއިރުވެސް ޝިމާއާއި އޭނާ ދަތުރުކުރިކަމަށް ބުނާ ޑިންގީގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ. ޝިމާ ހޯދުމުގެ މަސައްކަތް ސިފައިންގެ ސަރޗް އެންޑް ރެސްކިއު ޓީމުން ގެންގުޅޭ އުސޫލާ އެއްގޮތަށް މިހާރުވެސް ކުރިއަށްދާކަމަށް އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް ޢާޒިމް ވަނީ ޕީ.އެސް.އެމްއަށް މަޢުލޫމާތުދީފައެވެ.