ވިޔަފާރި

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް 7 ފަރާތަކަށް ދީފި


ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން 7 ފަރާތަކަށް ދީފިއެވެ.

ފިޝަރީޒް މިނިސްޓްރީން ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް ޙަވާލުކޮށްފައިވަނީ ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރުމަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގުރާމް ފުރިހަމަކުރި ބައިވެރިންކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް އެ ފަރާތްތަކަށް ހަވާލުކޮށްދެއްވީ ކ.ކަނޑުއޮތްގިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، މިއީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައު ވައްތަރުތަކުގެ މަސްވެރިކަމަކަށް ހުޅުވާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. މިއީ ފެށުމެއްކަމަށާއި، މިކަން ފުޅާކުރުމަށް މަސްވެރިންވެސް މަސައްކަތް ކޮށްދިނުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. ތަމްރީން ފުރިހަމަކޮށްފައިވާ ބައިވެރިންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ހިމެނުމަކީ މިކަން ކުރިއެރުވުމަށް ލިބިގެންދާނެ ބާރެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމާ ގުޅޭ ސާމާނު ފޯރުކޮށް ދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދިޔަ ޕްރޮގްރާމް ވަނީ އާއްމުކޮށް ހުރިހާ ފަރާތަކަށްވެސް ހުޅުވާލާފައެވެ. މި ތަމްރީން ކުރިއަށް ގެންގޮސްފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ. ތަމްރީން ފުރިހަމަކުރި ބައިވެރިން ބުނެފައިވަނީ ތަމްރީނުގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވިކަމަށާއި، މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރިއެރުވިދާނެ މަސްވެރިކަމުގެ ބާވަތެއްކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ބޭނުންވާ އާލާތްތައް ހިމެނޭ 10 ސެޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރަށް ބަހާލައިގެން އަގު އަދާކުރާގޮތަށެވެ. މަހުން މަހަށް ފައިސާ ދައްކާ އުސޫލުން ފޯރުކޮށްދޭ މި ސެޓުތަކުގެ އަގު ދުއިސައްތަ ސާޅީސް ނުވަހާސް ރުފިޔާއަށް އަރައެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަންފާކުރާނެ ވިޔަފާރިއެއްކަމަށާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ތުތި ބޯވަދިލަމަހަށް ރަނގަޅު އަގެއް ލިބޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި މާކެޓް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެއެވެ.