ޚަބަރު

މޮރީނިއޯ ކުޅުވަނީ ރެއާލް މެޑްރިޑް ބޭނުންވާ ސްޓައިލްއަށް ނޫން - ރޯމަން ކަލްޑެރޮން


ބޮޑު ކުލަބެއްގެ އިންތިޒާރުގައި ހުސްކޮށް ހުރި މެންޗެސްޓަރ ޔުނައިޓެޑް ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ކުޅުވަނީ ރެއާލް މެޑްރިޑް ބޭނުންވާ ސްޓައިލްގެ ފުޓްބޯޅައެއްނޫން ކަމަށް އެކުލަބުގެ ކުރީގެ ރައީސް ރޯމަން ކަލްޑެރޮން ބުނެފިއެވެ.
އޭނާ މިހެން ބުނީ އަންނަ ސީޒަނުގައި ރެއާލްގެ ކޯޗުކަން މޮރީނިއޯ އަޑް ދޭން އެއްބަސްތޯ އެހުމުން ކަމަށެވެ. ކަލްޑެރޮން ބުނީ މޮރީނިއޯ ރެއާލް އަށް ކޯޗުކޮށްދިން ތިން އަހަރު ތެރޭގައި ކުލަބަށް ވަރަށް ގިނަ ގޮތްގޮތުން ގެއްލުންވި ކަމަށެއެވެ. އޭގެ ތެރޭގައި އޭނާ ކުޅުވާ ޑިފެންސިވް ސްޓައިލް ފޫހިވުމާއި ބާސެލޯނާ ފަދަ ޓީމުތަކާ ވަރަށް ބޮޑަށް މައްސަލަ ޖެހުމާއި ރެއާލްގެ ސަގާފަތާ ނުގުޅޭ ކަންކަންތައް ދިމާވުން ހިމެނޭ ކަމަށެވެ. މިހެންވެ އަލުން މޮރީނިއޯ އަށް ކޯޗުކަން ދޭން ނުފެންނަ ކަމަށް ވެސް ކަލްޑެރޮން ބުނެފިއެވެ.
ނަމަވެސް މޮރީނިއޯ އާއި ރެއާލްގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެކެވެ. މިހެންވެ އަލުން އޭނާ އަށް ކޯޗުކަން ދީފާނެ ކަމަށް ވެސް ވަރަށް ބޮޑަށް ބެލެވެއެވެ.
ސްޕޭނުގެ ގިނަ ނޫސްތަކުން ބުނާގޮތުގައި ރެއާލްގެ އެއްވަން ހޮވުމަކީ ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯއެވެ. މޮރީނިއޯއާމެދު ވިސްނާނީ އޭނާ ނުލިބިއްޖެނަމައެވެ.
ޕޯޓޯ އާއި އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ ޗެލްސީގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު މޮރީނިއޯ މިވަގުތު ވަޒީފާއެއްނެތި ހުސްކޮށްހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އޭނާ ދާދި ފަހުން ވަކިކުރުމުންނެވެ.
ރެއާލްއިން ކޯޗަކު ހޯދަން މަސައްކަތް ކުރަނީ ކުލަބުގެ ނަތީޖާތައް މިހާރުގެ ކޯޗު ސެންތިއާގޯ ސޮލާރީ އަށް ވެސް ރަނގަޅު ނުކުރެވުމުންނެވެ.