ސިޔާސީ

އީސީގެ މެންބަރުކަމަށް އިސްމާޢީލް ހަބީބް ޢައްޔަނުކުރަން ފާސްކޮށްފި


އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް އިސްމާޢީލް ހަބީބް ޢައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމށް ބޭފުޅަކު ޢައްޔަންކުރުމަށް ކޮމިޓީން ދިރާސާކޯށް ފޮނުވާފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅާ ވޯޓަށް އެހުމަށް އެކަންނެވެ.

އީސީގެ މެންބަރުކމަށް އިސްމާޢީލް ހަބީބް ޢައްޔަންކުރުމަށް މަޖިލީހުން ފާސްވީ 58 މެންބަރުންގެ އިއްތިފާޤުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ސޯޅަ މީހުން ކުރިމަތިލާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންގެ ނަންތައް ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

އެ ނަންތައް ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންވެސް އެންމެމަތިން މާކްސް ދެއްވާފައިވަނީ މިހާރުގެވެސް އީސީގެ މެންބަރު އިސްމާޢީލް ހަބީބަށެވެ. ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް ވޯޓަށް އެހުމަށް އިއްޔެގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފައިވެއެވެ. އެހެންނަމަވެސް ކޮމިޓީން ފޮނުވި ރިޕޯޓާމެދު ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ވޯޓަށް އަހާފައެއްނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު ޢައްޔަން މިކުރައްވަނީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އިޞްމާޢީލް ޙަބީބުގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ 13ވަނަ ދުވަހަށް ހަމަވާތީއެވެ.

ޙަބީބުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބަވާ މެމްބަރުންނަކީ އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފާއި، ނައިބު ރައީސް އަމްޖަދު މުޞްތަފާއާއި ކޮމިޝަނުގެ މެމްބަރުން އަހްމަދު އަކްރަމާއި މެންބަރު އަލީ ނަޝާތެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.