ޚަބަރު

ޕީއެސްޖީ ބަލިކުރަން ފުރަތަމަ ގޯލު ޖެހުން ވަރަށް މުހިންމު - ސޮލްޝަޔާ


ޗެމްޕިއަންސް ލީގުގައި މިރޭ ފްރާންސްގެ ވަރުގަދަ ޕީއެސްޖީ ބަލިކުރަން މެޗުގެ ފުރަތަމަ ގޯލު ޖަހަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޮލްޝަޔާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ދެ ޓީމު މިރޭ ފްރާންސްގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
ސޮލްޝަޔާ ބުނީ މެންޗެސްޓާގައި ކުޅެގެން އޭނާގެ ޓީމު 2-0އިން ބަލިވެފައިވީ ނަމަވެސް ކުއާޓާ ފައިނަލަށް ދެވިދާނެ ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ފުރަތަމަ ގޯލެއް ޖެހުން. އޭގެ ފަހުން ކުޅުންތެރިން ގަބޫލުކުރާނެ ދެ ވަނަ ގޯލެއް ޖެހިދާނެ ކަމަށް. ފުޓްބޯޅަ އަކީ ވަރަށް ޓެކްނިކަލް އެއްޗެއް. އަހަރުމެންނަށް މިއީ ނުކުރެވޭ ވަރުގެ ކަމެއްނޫން. އެކަމަކު އުނދަގޫވާނެ،" ސޮލްޝަޔާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ޔުނައިޓެޑަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް މައްސަލައަކީ މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމެވެ. ނަމަވެސް ކޯޗު އުއްމީދުތައް މަތިވެރި އެވެ.

މި މެޗު ބަލަން ޕީއެސްޖީގެ ބްރެޒިލް ފޯވަޑް ނޭމާ ވަނީ ޕްރިހަށް ގޮސްފައެވެ. އަނިޔާގައި ހުރުމުގެ ސަބަބުން ބްރެޒިލްގައި ފަރުވާ ހޯދަމުންދާ ނޭމާ މެޗު ބަލަން ޕެރިހަށްދިޔައީ ޕީއެސްޖީގެ ކަންކަމަށް އޭނާ އިސްކަންނުދޭ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ.