ޚަބަރު

ޕްރައިމަރީން ނާކާމިޔާބުވި 4 ބޭފުޅަކު މަޖިލިސް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށައަޅައިފި


ސިޔާސީ ޕާޓީތަކުން ބޭއްވި މަޖިލިސް ޕްރައިމަރީގައި ނާކާމިޔާބުވި 4 ބޭފުޅަކު، މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވިނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން އިލެކްޝްންސް ކޮމިޝަނުން ހުޅުވާލި ފުރުޞަތު މިއަދު 16:00 އަށް ހަމަވިއިރު އިންތިޚާބުގައި ވާދަކުރަން ހުށައަޅާފައިވަނީ 4 ބޭފުޅުންކަން އިލެކްޝަންސް ކޮމިޝަނުންވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިބޭފުޅުންގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު ތިންވަނަ އިޞްލާޙާ ގުޅޭގޮތުން ދައުލަތުގެ މައްޗަށް ރައްދުވާގޮތަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ޢަބްދުﷲ ޖާބިރާއި އެމް.ޑީޕީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި، މިހާރު ހެންވޭރުދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލް ކަރީމް (ރުކުމާ) އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲގެ އިތުރުން އައްޑޫ ހިތަދޫ ދާއިރާއެއްގެ ޕްރައިމަރީގައި ވާދަކުރި ކެނޑިޑޭޓެވެ. މި 4 ބޭފުޅުންވެސް މަޖިލިސް އިންތިޚާބުގައި މިފަހަރު ވާދަކުރަނީ އަމިއްލަ ހައިސިއްޔަތުންނެވެ.

މި 4 ބޭފުޅުންގެ ކެނޑިޑެސީ ބަލައިގެންފިނަމަ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އަދަދު 398 އަށް އަރާނެއެވެ.