ޚަބަރު

ޕްލާސްޓިކަށް ދަރިވަރުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީގައި ސާފު ކުރުމުގެ ހަރަކާތެއް ހިންގައިފި


ޕްލާސްޓިކަށް ކިޔަވާ ދަރިވަރުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޕާލޭއާ، ސްޓޭންޑްއަޕް ޕެޑަލްގައި ބައިވެރިން ގުޅިގެން އޭދަފުށި ސާފު ކުރުމުގެ ހަރަކާތެއް ހިންގައިފިއވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1 ން 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސާފު ކުރުމުގެ ހަރަކާތުގައި އޭދަފުށީ އަތިރި ސަރަޙައްދުން ގިނަ އަދަދެއްގެ ޕްލާސްޓިކް ކުނި ނަގާފައިވެއެވެ.

ސާފު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިންވަނީ މިދަރިވަރުންނަށް ތިމާވެއްޓަށް ގެއްލުންދޭ ތަކެއްޗާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާ، ރާއްޖޭގެ ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކަށް ކުރިމަތިވަމުންދާ ގެއްލުންތަކާ ގުޅޭ މައުލޫމާތު މިދަރިވަރުންނަށް ވަނީ ދީފައެވެ.

ޕްލާސްޓިކަށް ހޭލުންތެރި ކުރުމުގެ ގޮތުން ސްޓޭންޑް އަޕް ޕެޑަލްގައި ހަތަރު އަންހެނުންގެ ޓީމަކުން ބ.އަތޮޅުގައި ކުރަމުން މިގެންދާ ދަތުރުގެ ބައިވެރިންވެސް މި ބައްދަލުވުމުގައި ވަނީ ދަތުރާ ގުޅޭ މައުލޫމާތު ދަރިވަރުންނާ ޙިއްސާކޮށްފައެވެ.

ބ.އޭދަފުށީގެ މި ބައިވެރިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ މީހުން ދިރި އުޅޭ 6 ރަށެއްގެ ސްކޫލްތަކަށް ތިމާވެއްޓާ ގުޅުންހުރި މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ. ކަނދުގައި ދަތުރުކުރާ މި ހަތަރު އަންހެނުން މިއަދު ހެނދުނު 11:00 ގައި ކަނދުގައި ވަނީ ފިނޮޅު ރިސޯޓްއަށް ދަތުރު ފަށާފައެވެ.

ބ.އަތޮޅުގެ 18 ރަށަކަށް އަރުމަށް ނިންމާފައިވާ މި ދަތުރު ނިންމުމަށް ހަމަޖެހިފައިވަނީ މާދަމާ ކޮކޯޕާމް ދުނިކޮޅު ރިސޯޓުންނެވެ.