ޚަބަރު

އޭސީސީގެ މެންބަރަކަށް ފަސްލައްކަ ރުފިޔާގެ އެހީ އަދީބު ދެއްވި - ނިޔާޒް


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރަކަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ފަސް ލައްކަ ރުފިޔާގެ އެހީ ދެއްވާފައިވާކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ތުހުމަތުކުރައްވައިފިއެވެ.

ރާއްޖޭގެ ފަހުގެ ތާރީޚްގައި ހިނގާދިޔަ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގަިއ ވާހަކަ ދައްކަވަމުން ނިޔާޒް އިބްރާހީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގޫޅޭގޮތުން އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމަންޓްރީއަށް އެ ޗެނެލްއާއެކު ކުރެއްވި މަސައްކަތްތަކުގައި އޭސީސީގެ މެންބަރަކަށް ފަސްލައްކަ ރުފިޔާގެ އެހީ ލިބިވަޑައިގެންފައިވާކަން ހާމަވެފައިވާކަމަށެވެ.

ނިޔާޒް ވިދާޅުވީ، އަލްޖަޒީރާއާއި އެކު ކުރި މައްސަކަތުގައި އަދީބާއި އޭސީސީއާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި އިސްފަރާތްތަކުން ކޮށްފައިވާ މުޢާމަލާތްތަކުގެ ޓެކްސްޓް މެސެޖު ފެނިވަޑައިގެންފައިވާކަމަށެވެ. އެގޮތުން އެމަނިކުފާނު އެންމެ ހައިރާންވެވަޑައިގަތްކަމަކަށް ފެނިވަޑައިގަތީ އޭސީސީގެ މެންބަރަކަށް ފަސްލައްކަ ރުފިޔާގެ އެހީ އަދީބު ދެއްވިކަމާއި، އެ އެހީ ލިބުނުކަން އެމެންބަރު އަދީބަށް ޓެކްސްޓް މެސެޖަކުން ދަންވާފައިވާކަމަށް ފާހަގަވެފައިވާކަމަށެވެ. މިއީ ހަޤީގަތް ތަހްޤިޤްކޮށް ބަލަންޖެހޭ މައްސަލަތަކެއްކަމަށާއި، އެފަދަ އެތައް ތުހުމަތުތަކެއްގެ މަޢޫލޫމާތު އެބަހުރިކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވިއެވެ. ނިޔާޒް ވަނީ އޭސީސީގެ މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރެވިދާނެކަމާމެދު ސުވާލު އުފައްދަވާފައެވެ.

"އަލްޖަޒީރާއާއެކު ކުރެވުނު މަސައްކަތުން ލިބުނު މަޢުލޫމާތުން އެންމެ ހައިރާންކުރާކަމަކަށް ފެނުނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރަކަށްވެސް (އަދީބު އަތުން)ފަސްލައްކަ ރުފިޔާގެ އެހީ ލިބުނުކަމާ އެލިބުނުކަން ސީދާ އެ މެންބަރު ފޯނުން ޓެކްސްޓް މެސެޖަކުން އެކްނޮލެޖްކޮށްފަހުރިކަން އެލޮގްތައް ބަލާލުމުން ފާހަގަކުރެވޭ." ނިޔާޒް ވިދާޅުވިއެވެ.

ފައިސާގެ މުޢާމަލާތްތަކުގެ އިތުރުން އޭރުގެ އޮޑިޓުއޮފީހާއި އޭސީސީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގެ މަޢުލޫމާތުވެސް އޭސީސީގެ މެންބަރުންގެ ފަރާތުން އަދީބާ ޙިއްސާކޮށްފައިވާކަމަށް ނިޔާޒްވަނީ ތުހުމަތުކުރައްވާފައެވެ. އޭސީސީގެ އިތުރުން ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއި އެނޫންވެސް ދައުލަތުގެ އިދާރާތަކަށް ފޮނުއްވައި ސިޓީއާއި އެހެނިހެން މަޢުލޫމާތުވެސް އަދީބަށް އެނގިވަޑައިގަންމަވަމުން ދިޔަކަމަށް ނިޔާޒް ތުހުމަތުކުރެއްވިއެވެ. ނިޔާޒް ވަނީ މިހާރުގެ އޭސީސީގެ މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެކަމުގެ އެތައް ތުހުމަތުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

"އޭސީސީއާ އަޅުގަނޑު ރެގިއުލާކޮށް ބާއްވަމުންދިޔަ މީޓިންގއަށްފަހު ކޮންމެ މީޓީންގއަކަށްފަހު އޭސީސީއާ އަޅުގަނޑު ހިއްސާކުރި މަޢޫލޫމާތުވެސް އެބޭފުޅުންހުރި އަދީބާ ހިއްސާކޮށްފައި. އޭސީސީ އެކަނި އެކަންޏެއްނޫން އިނގޭތޯ. މޯލްޑިވްސް އިލެންޑްރެވެނިއު އޮތޯރިޓީއާއެކު އަޅުގަނޑުމެން ބޭއްވި ކޮންމެ މީޓިންގއެއްވެސް ހުރީ އަދީބާ ޙިއްސާކޮށްފައި. ސިޓީއެއް ފޮނުވިޔަސް އެބަ އައްސަވާ އަދީބުކުރެން މިވެނި ސިޓީއެއް އޮޑިޓަރޖެނެރަލްގެ އޮފީހުން އައިސްފިއޭ ކިހިނެއްހޭ ހަދަންވީ. އެފެންވަރުގައި އެބޭފުޅުން ތިއްބެވީ." ނިޔާޒް ވިދާޅުވިއެވެ.

ކުރީގެ އޮޑިޓަރޖެނެރަލް ނިޔާޒް ވަނީ އޭސީސީގެ މެންބަރުންނާއި ޢާއިލީގޮތުން ގުޅުންހުރި ފަރާތްތަކަށްވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. ރާއްޖެ މިއަދު ޕްރޮގްރާމްގައި ނިޔާޒް އިބްރާހީމް ވަނީ އެމްއެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޢަދަދު 3 ބިލިއަނަށްވުރެ މައްޗަށް އަރާނެކަން ލަފާކުރައްވާފައެވެ.