ޚަބަރު

ޔުވެންޓަސް ބަލިކޮށް، އެތްލެޓިކޯއިން ރެކޯޑް ދަމަހައްޓައިފި


ޑިއެގޯ ސިމިއޯނީގެ ކޯޗުކަމުގައި އަމިއްލަ ދަނޑުގައި ނޮކްއައުޓް މުބާރާތަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ރޭ އެތްލެޓިކޯ މެޑްރިޑުން ދަމަހައްޓައިފިއެވެ.

އެ ޓީމުން މި ރެކޯޑް ދެމެހެއްޓީ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ޔުވެންޓަސް 2-0އިން ބަލިކޮށްގެންނެވެ. ކެޕްޓަން ޑިއެގޯ ގޮޑިން އާއި ޖިމިނޭޒް ޖެހި ގޯލުން އެތްލެޓިކޯ މޮޅުވިއިރު ރޭގެ މެޗުގައި އަލްވާރޯ މޮރާޓާ ޖެހި ގޯލު ރެފްރީވަނީ ވީއޭއާރު ބެލުމަށްފަހު އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

މި މެޗުން ބަލިވުމުން ޔުވެންޓަސް އަށް މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭނީ އަމިއްލަ ދަނޑުގައި އެތްލެޓިކޯ ތިން ލަނޑުން ބަލިކޮށްގެންނެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނީ އެތްލެޓިކޯ އަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަތިޖާ މިހާރު އޮތް ގޮތުން އޭނާގެ ޓީމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާލެވޭނެ ގާބިލްކަން ޔުވެންޓަސްގައި އެބަހުރި ކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ ހިތްވަރު ކަމަށާއި ތިން ލަނޑުން މޮޅުވެވިދާނެކަން ކުޅުންތެރިން ގަބޫލުކުރަންޖެހޭ ކަމަށެވެ.

އޭނާގެ މިވާހަކަ އަށް އެތްލެޓިކޯގެ ކޯޗު ސިމިއޯނީ ވެސް އެއްބަސްވިއެވެ. އޭނާ ބުނީ އިޓަލީގައި ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި ހާއްސަކޮށް ޔުވެންޓަސް އަކީ އޭނާގެ ޓީމު ބަލިކޮށްލާނެ ފެންވަރު ހުރި ޓީމެއް ކަމަށެވެ. މިހެންވެ ދެ ވަނަ ލެގާމެދު ވަރަށް ބޮޑަށް ސަމާލުވެ ތައްޔާރުވާން ޖެހޭނެ ކަމަށެވެ.