ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވުމަކީ ލިވަޕޫލް މާޔޫސްވާންޖެހޭކަމެއް ނޫންކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ މެޗު އެއްވަރުވި މައިގަނޑު ސަބަބަކީ ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނުކަމަށެވެ. ފުރަތަމަ ހާފުގައި ލިޕޫލްއަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުކަމަށާއި މެޗްގައި ލިވަޕޫލަށް މަދުވި ކަމަކީ އެންމެ ފަހު ޕާސް ރަނގަޅަށް ޖަހާނުލެވުންކަމަށް ކްލޮޕް ބުންޏެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ކަހަލަ ފުރުސަތުތަކެއް ދެ ވަނަ ހާފުގައި ނުލިބުނުކަމަށާއި އެކަމަކު މިއީ ލިވަޕޫލްއަށް މާޔޫސްވާންޖެހޭ ނަތީޖާއެއް ނޫންކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކުލޮޕް ބުންޏެވެ.
އޭނާ ބުނީ އަމިއްލަ ދަނޑުގައި ގޯލެއް ނުޖެހި ނިންމާލެވުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށެވެ.
ހާއްސަކޮށް އެންމެ އިތުބާރު ޑިފެންޑަރު ވާޖިން ވެންޑައިކް ނެތުން އޭނާ ފާހަގަ ކުރިއެވެ.
ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ވެންޑައިކް ނެތި ބައިކޮޅަށް ގޯލެއް ނުވަދެ ލިވަޕޫލް ނިންމާލުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދީފައިވާކަމެކެވެ. އަދި ވެންޑައިކް ނުލާވެސް ޓީމްގެ ޑިފެންސް ވަރަށް ވަރުގަދަކަމަށާއި ޓީމްގެ ފަރާތުން ފެނުނު ކުޅުމާއި މެޗު ހިންހަމަޖެހޭކަމަށް ކްލޮޕް ބުންޏެވެ.